ދައުލަތަށް 21.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމެއްވާ ގޮތަށް، ނެޝެނަލް ޓެންޑަރ ބޯޑުން ތިން މަޝްރޫއެއް ހަވާލުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެ ތިންމައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، ލޯފާމެއް ކަމަށްވާ އެޑްވޮކަސީ ޗެމްބާސްއިންނެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅިކަން ހާމަކޮށް، އެ ލޯފާމުން މިއަދު ނެރުނު ނޫސްބަޔާނެގައި ބުނެފައި ވަނީ، މި މައްސަަލަ ކޯޓަށް ހުށަހެޅީ، އެ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދުމަށް، އެ ކަންތައްތަކުގައި ކަން ހިނގާފައިވާ ގޮތް ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް، ހުސްވި ޖުލައި މަހުގެ 16 ގައި ލިއުމުން ހުށަހެޅުމަށްފަހު، އެދެވޭހައްލެއް ނުލިބިގެން ކަމަށެވެ.
އެ ބަޔާނުގައި ފާހަގަ ކޮށްފައިވާ ތިން މަޝްރޫއުގެ ތެރޭގައި ހިމެނެނީ، 27 ޖެނުއަރީގައި ބީލަމަށް ހުޅުވައިލި ހދ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތުގެ މަޝްރޫއާއި 15 ފެބްރުއަރީގައި ބީލަމަށް ހުޅުވައިލި ހދ. ނޮޅިވަރަންފަރު ހައުސިން ޔުނިޓްގެ މަޝްރޫއުގެ އިތުރުން ފެބްރުއަރީ ދޭއް ގައި ބީލަމަށް ހުޅުވައިލި ތ. ވިލުފުށީ ހައުސިން ޔުނިޓްގެ މަޝްރޫއެވެ.
އޭގެ ތެރެއިން ދެ މަޝްރޫގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިވެސް ކޮށްފައެވެ.
އެ ތިން ޕްރޮޖެކްޓަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް، ހުށަހެޅީ އެސްޖޭ ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަނުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ހަނިމާދޫ ޕްރޮޖެކްޓުގެ ބިޑު އެވޯޑު ކުރުމަށް ޓެންޑާބޯޑުން ނިންމާފައިވާ ފަރާތަށްވުރެން، 3.8 މިލިޔަން ރުފިޔާއަށްވުރެން ހުޑައަގެއް އެސްޖޭއިން ހުށަހަޅާފައިވާ ކަމަށެވެ.
ނޮޅިވަރަންފަރު މަޝްރޫއަށް ބިޑް އެވޯޓު ކުރުމަށް ނިންމާފައިވާ ފަރާތުން ހުށަހެޅި އަގަށްވުރެން 9.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ކުޑަ އަގެއް ހުށަހަޅާފައިވާއިރު، ވިލުފުށީ މަޝްރޫއަށް 8.5 މިލިޔަން ރުފިޔާއަށްވުރެން ކުޑަ އަގެއް އެސްޖޭއިން ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު