ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުވާން އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.
މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް މިރޭ "ވަން" އަށް ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީނާ ސުވާލު ކުރަން ބޭނުންވާތީ، އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރުތައް ބަލާ ކޮމިޝަނުން މީގެ ކުރިން އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުން އޭނާ ހުޅުމާލެއިން ގަދަކަމުން ކާރަކަށް އަރުވައިގެން ޑިންގީއަކަށް އެރުވިއެވެ. އެއަށް ފަހު ދޯންޏަކަށް އަރުވައި ދަލެއްގައި އޮޅާލުމަށް ފަހު ޝަހާދަތް ކިޔުވައި ކަރު ބުރިކޮށްލިއެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ ތަހުގީގަށް ބޭރުގެ މާހިރަކު ވަނީ ރާއްޖެ އައިސްފައެވެ. އަދި މަރު ކޮމިޝަނާއެކު މަސައްކަތް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ރިލްވާންގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަހަރުގެ މާޗް މަހުގެ ހަތްވަނަ ދުވަހު ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު