ޚަބަރު

އިޔާޒްގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނަގަން އަމުރުކޮށްފި

އަލީ އަފާފް ރަމީޒު

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވަކި ކުރި މައްސަލަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި، ވަކި ގޮތެއް ނިންމަންދެން އޭނާގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލުން އެމްއެންޔޫއަށް އަމުރުކޮށްފިއެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އިޔާޒް ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަތަކާ ގުޅިގެން އެމްއެންޔޫގެ މައްސަލަ ބަލާ ކޮމެޓީން އެ މައްސަލަ ބަލުމަށްފަހު އިޔާޒް ވަކިކޮށްފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

އިޔާޒް މި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ. އޭނާ ހުށަހެޅި މައްސަލައިގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފައިސަލާކުރަނިވި ނިންމުމެއް ނިންމުމުގެ ކުރިން، އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް އެމްއެންޔޫއިން ދާއިމީ މުވައްޒަފަކު އައްޔަނުކޮށްފިނަމަ، އަލުން ވަޒީފާ އިއާދަކުރުމަށް ހުރަސްއެޅި، އެކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުންތަކެއް ވެދާނެތީ، މައްސަލަ ބަލައި ނިމެންދެން އެ މަގާމަށް މީހަކު އައްޔަން ނުކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އިޔާޒްގެ ހުށަހެޅުމަށް ތާއީދުކޮށް ޓްރައިބިއުނަލް އިން ނެރުނު ވަގުތީ އަމުރުގައި ވަނީ ވަގުތީ އަމުރު ނެރުމަކާނުލައި ދައުވާ ކުރިއަށް ގެންގޮސްފިނަމަ މައްސަލަ ހުށަހެޅި ފަރާތަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތްކަމުގައި ބުރަވެވޭތީ އާއި މައްސަލަ ހުށަހެޅި ފަރާތަކީ އެފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރަކަށް އެދުމުގެ ސިފަ އަދި ހައިސިއްޔަތު ގާނޫނީގޮތުން ލިބިގެންވާ ފަރާތެއް ކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން، އިޔާޒް އަދާކުރަމުން ގެންދިޔަ ސީނިއާ ލެކްޗަރާގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަނު ނުކުރުމަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި ނިންމާ ނިންމުން ތަންފީޒުކުރުމަށް އަދި އިޔާޒް އަދާކުރަމުން ގެންދިޔަ ވަޒީފާ އިއާދަކުރުމަށް ހުރަސްއެޅިދާނެފަދަ އެއްވެސްކަމެއް ނުކުރުމަށް އެމްއެންޔޫގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށް އަމުރުގައިވެއެވެ.

ނަމަވެސް އިޔާޒް އަދާކުރަމުންދިޔަ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށް އަމުރުކުރެވުނުކަމުގައިވީ ނަމަވެސް، އެ މަގާމަށް ވަގުތީ މުވައްޒަފަކު އައްޔަންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އަމުރުގައިވެއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް މީގެ ކުރިން "ވަން" އަށް ވިދާޅުވީ އިޔާޒްގެ މައްސަލަ ކޮމިޓީން ބެލުމަށްފަހު އޭނާ އެ ޔުނިވާސިޓީން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރަން ނިންމާފައިވަނީ ކުރިންވެސް ހިންގާފައިވާ ކަންކަމަށް ރިއާޔަށް ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

އެގޮތުން މީހުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ލިޔުންތައް ލިޔެފައި ހުރުމާއި ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ލިޔުންތައް ލިޔުމާއި އަދި އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ ގޮތަށްވެސް ސޯޝަލް މީޑިއާގައި ލިޔުންތައް ލިޔެފައި ހުރުމުން ކަމަށެވެ. އަދި މިއީ އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކަކަށްވާތީ، އޭނާ ވަކި ކުރަން ނިންމީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ކުރިން އިޔާޒަށް ތިން ފަހަރެއްގެ މަތީން އަނގަބަހުންނާއި ސިޓީން ނަސޭހަތްދީފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމަށް މީގެ ކުރިން ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރުމާ ގުޅުވައި ކުރެއްވެވި ޓުވިޓަކާ ގުޅިގެން ގިނަ ބަޔަކު ނަފުރަތު އުފައްދަމުން ގެންދާ ކަމަށާއި އަންހެނުން ހިތާނު ކުރުމަކީ އެއްވެސް އިރެއްގައި އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާނެ ކަމެއް ނޫން ކަމަށް ބުނެ މައާފަށް އެދި އިޔާޒް ވަނީ ބަޔާނެއް ނެރެފައެވެ.

އިޔާޒް ވިދާޅުވީ އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގައި އޭނާ ޓުވީޓު ކުރެއްވީ އެކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކަމަށެވެ. އަދި އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި މިކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.