ޚަބަރު

މުޝީ ބްރޭންޑުގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ބޭނުން ނުކުރަން އަންގައިފި

އަލީ ޔާމިން

މުޝީ ބްރޭންޑުގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮވެދާނެކަމަށް ބެލެވޭ، ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މުޝީ ބްރޭންޑުގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މި އެލާޓާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން މުޝީ ބްރޭންޑުގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.