މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ މާލޭ ސިޓީ ކައުންސިލުން މިއަދުން ފެށިގެން ދޫކުރަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ރޭގެ ވަގުތެއްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން މިއަދުން ފެށިގެން ކަށަވަރު ކުރާނީ އެ ކައުންސިލުން ކަމަށެވެ.

މާލޭގައި މީގެ ކުރީންވެސް ހަތަރު ފުރޮޅުލީ ވެހިކަލް ރަޖިސްޓްރި ކޮށްދެނީ އެ ވެހިކަލެއް ޕާކް ކުރާނެ ގަރާޖެއް ދެއްކުމުންނެވެ. މީގެ ކުރިން މި މަސައްކަތް ކުރަމުން އައީ ޓްރާންސްޕޯޓު އޮތޯރިޓީންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ގަރާޖު ހުއްދަ ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭކަމުގެ މައްސަލަ މިފަހުން ވަނީ ފެންމަތިވެފަ އެވެ. އަދި މިކަމުގައި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ހިއްސާ އޮތްކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ރައްޔިތުން މަޖިލީހުގައި ވިދާޅުވެފަ އެވެ. އެއީ އެންމެ ގަރާޖަކަށް 200 އަށްވުރެ ގިނަ އުޅަނދު ރެޖިސްޓްރީ ކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައި ވަނިކޮށެވެ.