ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓަކީ "ރިވޮލޫއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން" އިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެއް ކަމަށެވެ. މިތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެ ކަމަށާއި ދުވާލާއި ރޭގަނޑުވެސް މިތަން ބޭނުން ކުރެވޭނެ ކަމަށެވެ.
ސާފު ރީތިފެން ލިބޭނެހެން ތަރައްގީ ކުރެވި މަސްކަނޑަން ޖާގަ އޮންނާނެހެން އަދި މަސްވެރިކަމަށް ބޭނުންވާ ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް މި ސަރަހައްދުގައި ހަދާފައިވާއިރު މިއީ މަސްވެރީންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ މަސްކަނޑާތަނެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ޕްރޮޖެކްޓް ކާމިޔާބު ކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ބޮޑުފޮޅުދޫ އަކީ މަސްވެރީން ގިނަ ރަށެއް ކަމަށާއި އަދި އެ ރަށަށް ތާޒާ އަދި ގަނޑުކުރެވިފައިވާ މަސް ވިއްކުމަށްވެސް އެކި ދޯނި ފަހަރު ދާ ކަމަށެވެ. އެހެން ނަމަވެސް މަސްކަނޑަން ހާއްސަ ސަރަހައްދެއް ނެތުމުން މަސް ކެނޑުމަށާއި ސާފުކުރުމަށް މީހުން އެއްވަނީ ބަނދަރު މައްޗަށް ކަމަށެވެ. އަދި ކުނިތައް އެ ސަރަހައްދުގައި ހުންނަ ޑަސްބިންތަކަށް އަޅަން ޖެހޭއިރު އެކަމުގެ ސަބަބުން އާންމު ސާފުތާހިރުކަން ގެއްލޭ ކަމަށެވެ.
"މިހާރު ފަސޭހަކާއެކު ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންވެސް މިސަރަހައްދު މަސްކެނޑުމަށް ބޭނުންކުރެވޭނެ. މިއީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ޖަމިއްޔާއިން ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލެވި ރަށުގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު އުފަލެއް. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." އޭނާ ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު