މާލޭގެ ގޭބިސީތަކުގެ މި މަހުގެ ކަރަންޓް ބިލް ބޮޑުވެފައިވާ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބައެއް ކަސްޓަމަރުންގެ މިހިނގާ ޖުލައި މަހުގެ ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ މީސްމީޑިއާގެ ޒަރީއާއިންނާއި އެކި ގޮތްގޮތުން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިހާތަނަށް ރަސްމީކޮށް މިމައްސަލަ އެއޮތޯރިޓީއަށް އެއްވެސް ފަރާތަކުން އަދި ހުށަހަޅާފައި ނުވި ނަމަވެސް، މި މައްސަލަ ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މި މަހު މާލޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ އިރު، މިމަހަކީ ކޮވިޑާ ގުޅިގެން ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ ކަނޑާލި ފަހުން ބިލު އައި ފުރަތަމަ މަހެވެ. ކޮވިޑާ ގުޅިގެން ޖޫން މަހުގެ ކަރަންޓް ބިލްތަކުން 40 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލު މީގެ ކުރިން "ވަން"އަށް ވިދާޅުވީ، މިމަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ފާހަގަ ކުރެވެނީ ކޮވިޑާ ގުޅިގެން ދިން ސަބްސިޑީ އުނިކޮށްފައިވާތީ ކަމަށާއި ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖު ނުކުރާނެ ކަމަށެވެ. އަދި ކަރަންޓު ބިލަށް އެރި ވަރު އަމިއްލައަށްވެސް ބަލައިލެވޭނެ ކަމަށް ވިދާޅުވި އެވެ.

މާލެ ސިޓީގެ ކަރަންޓު ބިލުތައް މިމަހު ބޮޑުވުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.