އިންސާނީ ވަގު ވިޔަފާރީގެ ޝިކާރައަކަށްވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓާ ސާވިސް ރެގިއުލޭޝަނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ "ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް 2021" ގެ މުނާސަބަތުގައި ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ޑިފެންސް މިނިސްޓަރު ވަނީ، އިންސާނީ ވަގުފާރިއަކީ އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްކަން ފާހަގަކުރައްވައިފައެވެ. އަދި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންގެ ނިކަމެތި ހާލު ފާހަގަކުރައްވައި، އެކަމަނާ ވަނީ، އެފަދަ ފަރާތްތަކުގެ ހައްގުތައް ހިމާޔަކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ.

"ވޯލްލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް" ފާހަގަކުރުމަށް އދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ވިކްޓިމްސް ވޮއިސަސް ލީޑް ދަ ވޭ" އެވެ.

މި ޝިއާރު ބިނާވެފައިވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންގެ އަޑު އަހައި އެފަދަ މީހުންގެ އިހްސާސްތައް އިތުރަށް ދެނެގަނެ، އެކަންކަމަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރަން ހިތްވަރުދިނުމުގެ މައްޗަށެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް ގާނޫނީގޮތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް، މަސްއޫލުވެރި ވުޒާރައިގެ ހައިސިއްޔަތުން، ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓާ ސާވިސް ރެގިއުލޭޝަން އެކުލަވައިލުމާއި ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕާފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް އެރުމަށްފަހު، މިމަހުގެ އެއްވަނަ ދުވަހު، ވޮޗްލިސްޓުން އުނިވެ، ޓިއާ 2 އަށް ރާއްޖެ ވަނީ ޕްރޮމޯޓްވެފައެވެ.