ވާހަކަ

ޖޫދު 08

އަށްވަނަ ބައި

ޝަމްސު ޒަހާއަށް ތައްޔާރުކުރި ބަނބުކެޔޮ ބޮނޑިބަތްކޮޅު ހިފައިގެން އަލިޝްބާ އެބަޔަށް ދިޔައިރު އެޕާޓްމަންޓް ދޮރު ހުރީ ހުޅުވާފައެވެ. ޓީވީ ރެކް މަތި ސާފުކުރަން ނީލަމް ހުއްޓެވެ. އޭނާ ވަކި ހިސާބަކަށް ވަންތަނާ ފެނުނު މަންޒަރަކުން އެދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ފިރިހެން ދަރިއަކު މަޔަކަށް އަތުން ލަވައިގެން ކާންދެމުން ދިޔަ މަންޒަރު ފެނުމުން އޭނާއަށް ވީ ދެލޮލަށް ފިނިކަން ގެނުވި މަންޒަރަކަށެވެ. މީގެކުރިން ދުވަހަކުވެސް އެފަދަ މަންޒަރެއް އޭނާ ނުދެކެއެވެ. އޭނާގެ ހިތާ ސިކުނޑިއަށް ހިޔާލެއް ވެރިވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހިނދު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ދެލޮލުން ވިދުމެއް ފާޅުވެލިއެވެ. ހެއްދެވިފަރާތުން އޭނާ ހުއްޓުމެއް ނެތި އެދެމުން ދިޔަ އެދުންތައް ހާސިލްވާން އުޅޭ ކަމުގެ އިޝާރާތެއްވިހެން ހީވިއެވެ.

ރެކް ފޮޅަން ހުރި ނީލަމްއަށް އަލިޝްބާ ފެނުނުއިރު ހުރީ އެ މަންޒަރު ބަލަން ހިނިތުންވެލައިގެންނެވެ. ނީލަމް ކުޑަކޮށް ކައިރިއަށް ޖެހިލާފައި ގޮވާލިއެވެ. އަލިޝްބާ ނީލަމްއަށް ބަލައިލީ ދެނެވެ.

"މަންމަ ޒަހާއްތައަށް ފޮނުވި އެއްޗެއް ހިފައިގެން" އަލިޝްބާ ބުނެލިއެވެ. ޒަހާމެން ތިބި ދިމާލަށް ނީލަމް އިޝާރާތްކޮށްލުމުން އަލިޝްބާ އެދިމާލަށް ހިނގައިގަތެވެ.

"އަނހަ. މިހިރީ ކޮންކުއްޖެއް" ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް އެބައިން އަލިޝްބާ ފެނުމުން ޒަހާ ބުނެލިއެވެ. އޭރު ކާންދީ ނިންމާފައި ޖޫދު އުޅުނީ ޒަހާއަށް ފެންދޭށޭވެ.

"މިއީ މަންމަ ދިން އެއްޗެއް" ޒަހާއަށް ނީލަމް ދިއްކޮށްލި ތަށިބަރީގައި ހިފީ ޖޫދެވެ.

"އާނ ޝަމްސު ބުންޏޭ މިއަދު ބޮނޑިބަތްކޮޅު ފޮނުވާނަމޭ" ޒަހާ ބުންޏެވެ. ޖޫދު އެތަށި ގެންގޮސްލީ ފުރިޖަށެވެ.

"އާދެބަލަ އިށީންނަން. ދެން ފުރަތަމަ ފަހަރު ވީމަ ކުޑަކޮށް ވާހަކަދައްކާލާފައެއްނު ދާނީ" އަލިޝްބާގެ އަތުގައި ހިފައިލަމުން ޒަހާ ބުންޏެވެ. ދެބަހެއް ނުކިޔާ އަލިޝްބާ އިށީނެވެ. ހުދު އަލިޝްބާވެސް އިނީ އެގޭތެރޭގައި ޖޫދުގެ ދިރިއުޅުން ދެކިލާހިއްވެފައެވެ. އެގޭ ހަތަރުފާރުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާއަށް ފެނުނީ ލޮލަށް ފިނިކަން ގެނުވި ހިތްގައިމު މަންޒަރެކެވެ.

ފުރިޖު ކައިރީގައި ހުރެ ނެގި އަނބު ޖޫސް ޕެކެޓަކުން ބިއްލޫރި ތައްޓަކަށް އަޅައިގެން ގެނެސް އަލިޝްބާއަށް ޖޫދު ދިއްކޮށްލިއެވެ. އަދި ވަކިން ތައްޓަކަށް އަޅާފައި ތެލުލި ބަނބުކެޔޮ ބެހެއްޓިއެވެ. ފިރިހެނަކު އޭނާއަށް އެގޮތަށް މެހްމާންދާރީ އަދާކުރުމުން އަލިޝްބާއަށް ލަދުވެތި ކަމެއް އިހުސާސްވިއެވެ. އެހެންނަމަވެސް އޭގައި އޭނާ ހިފީ ޖޫދަށް ޝުކުރުވެރިވަމުންނެވެ.

"އައިމަން ކޮބާ؟" ޖޫދު ހިނިތުންވެލާފައި އެހިއެވެ.

"ސްކޫލުގަ ވީ. ދެންމެ ގުޅާފައި ބުނި ކައިރި ރަށެއްގަ ސްކޫލުގަ އޮތް މަސައްކަތެއް ކުރަން ދާންޖެހިގެންނޭ މިއުޅެނީ. މެންދުރު ކާން ނާދެވޭނޭ" އަލިޝްބާ ބުންޏެވެ. ޖޫދު ހީލިއެވެ.

"މަންމާ، ދެން އަޅުގަނޑު ދަނީ. މަޣްރިބަށް ފިހާރަ ބަންދުކޮށްފަ ދެން ގެއަށް އާދެވޭނީ. ޖީ އަދިވެސް ނުހޭލާ ދޯ. ހޭލީމަ ބުނާތި މާދަމާ އިން ފެށިގެން ޓިޔުޝަން ފެށޭނޭ" ޖޫދު ހިނގައިގަތީ ޒިންކާ ދިމާލަށެވެ. ޒަހާއަށް ކާންދިން ތަށި ދޮވެލާފައި ހަރުގަނޑަށް ލުމަށްފަހު އޭނާ ދިޔައީ ޒަހާގެ ބޮލުގައި ބޮސްދީފައެވެ. މިޒަމާނަށް ބަލައިފިނަމަ އެފަދަ ކިޔަމަންތެރި ފިރިހެން ދަރިއަކު ފެނިދާނެބާއޭ އަލިޝްބާގެ ހިތަށް އެރިއެވެ.

"ނަމަ ކިޔާފަ އެއްޗެހި ބުނަންވެސް ނުވާނެ. އެކަމަކު ޖޫދު ފެނިފަ ހިތަށް އަރަނީ އަޅުގަނޑުގެވެސް އެއްބަނޑު އެއްބަފާ ބޭބެއަކު ހުރިނަމައޭ" ހީލާފައި އަލިޝްބާ ބުންޏެވެ.

"އާނ ޖޫދު އެހެން ކުދިންނާ ވަރަށް ތަފާތުވާނެ. އާއިލާދެކެ ނިކަން ލޯބިވާ ކުއްޖެއް އެއީ" ހީލާފައި ޒަހާ ބުންޏެވެ. އޭރު ސާފުކުރަން ހުރި ނީލަމް އެމީހުންނާ ކައިރިވެލައިފިއެވެ. ފުރިޖުން ފިނި ފެންފުޅިއެއް ހިފައިގެން އައިސް އޭނާ އިށީނީ ޒަހާމެންނާ ނުހަނު ކައިރީގައެވެ.

"އެކަމަކު އެދަރީގެ ނަސީބާ މެދު ޒަހާއްތަ ވަރަށް ދެރަވޭ. އުމުރުން ފަންސަވީސް އަހަރަށް އެޅި ފަހުން ތިން އަންހެންކުދިންނާ އިންނަން އުޅުނު. ފަހުން އެހުރިހާ ކަމެއް ބަދަލުވެގެންދަނީ ހުވަފެނަކަށް. ހިތަށް އަރާ އަހަރެންގެ ދަރިފުޅުގެ މަސްގަނޑު ދެކެ ލޯބިވެ ހަމްދަރުދީވާނެ އަންހެންކުއްޖަކު ލިބޭނީ ކޮންއިރަކުންބާއޭ. އަހަރެން ދުނިޔޭގައި އިންދާ އެކުއްޖާ ރީތި ދިރިއުޅުމެއް އުޅޭ މަންޒަރު ބަލަން ވަރަށް ބޭނުން" ޒަހާ އަސަރާއެކު ވާހަކަދެއްކިއެވެ.

"ކިހިނެއްވެގެން އެމީހުން ނީންނަނީ؟" އަލިޝްބާ އެހިއެވެ. އޭނާ އިނީ އެވާހަކަތަކާ ގަޔާވެފައެވެ. ލަސްލަހުން ފެންބޮމުން ދިޔަ ނީލަމްވެސް އިނީ އެވާހަކަތަކަށް ކަންފަތް ދީގެންނެވެ. އެއްވެސް މީހަކަށް ނުވިސްނުނެއް ކަމަކު ޖޫދާ ގުޅޭ ކޮންމެ ވާހަކައަކީ އޭނާއަށް މުހިންމު ވާހަކައެކެވެ.

"މިޒަމާނުގަ ހުރިހާވެސް އެއްޗަކީ މީހާގެ ބުރުސޫރައެއްނު. ބަލާލަން ރީތި ސިފައެއް ހުރިއްޔާ އެމީހެއްގެ ފަހަތުން އިންނަން ދުވާނެ މީހުން ބައިވަރު. ޖޫދު މާބޮޑަށް ހިކިކަމުންނޯ. މާބޮޑަށް ދިގުވީމަޔޯ" ޒަހާ ވާހަކަދެއްކިއެވެ. އަލިޝްބާ ވިސްނާލިއެވެ. ޖޫދު އިސްކޮޅުން ދިގުވެފައި ހިކިކަން ގައިމެވެ. އެކަމަކު ފިރިހެނެއްގެ ސިފައިން ޖޫދު ބާކީ ވާހާ ހުތުރެއް ނޫނެވެ.

"މުދަލާ ފައިސާ ހުއްޓަސް އެތަކެތީގެ ދަޅަ ދައްކައިގެން ހަޔާތުގެ ބައިވެރިއަކަށް އެއްވެސް މީހަކު ގެންނާކަށް އެ ދަރި ބޭނުމެއްނުވާނެ. ޖޫދަކީ އަންހެނުންނަށް ގަދަރުކުރާ ދަރިއެއް. ކުރިމަތީގައި އަންހެނަކު ހުރެ ކިތަންމެ އެއްޗެއް ގޮވާފަ ދިޔަސް އެސޮރު ހުރެދާނެ ހަމަ ބަހެއްވެސް ނުކިޔާ. އެއީ ފިރިހެނަކަސް ލަދުރަކި ކުއްޖެއް. ބަސްމަދު މަޑުމައިތިރި ކުއްޖެއް. ދީނަށް ލޯބިކުރާ ހަރުދަނާ ޒުވާނެއް" ޒަހާ ވާހަކަދެއްކިއެވެ.

"އެކަމަކު ޖިޔާ ތަފާތުވާނެ. މީހަކު އެއްޗެއް ބުނިއްޔާ ހަމަ ދިމާލަށް ބުނެލާނެ. އެކަމަކު އެހާ ހިތްހެޔޮވާނެ" ޒަހާ ވާހަކަދެއްކިއެވެ. ޖޫދުގެ ވާހަކަތައް ދެއްކިއިރު އޭނާގެ މޫނުމަތި މިލާފައި ވިޔަސް ޖިޔާގެ ވާހަކަތަކާއެކު އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"ޖޫދު ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟ އަޅުގަނޑު އެހެން މިއެހީ ރައްޓެހިވެގެން އުޅެންޏާ އެއީ ތިމާއަށް އޯގާތެރި އިހުތިރާމުކުރާ މީހަކުތޯ ވެސް ބަލަންޖެހޭނެތީ" އަލިޝްބާ ވާހަކަދެއްކިއެވެ. އޭނާ ދުލުން އެ ޖުމްލަ ބޭރުވިޔަސް ހަގީގަތުގައި ހޯދަން ބޭނުންވަނީ އެސަބަބަށްޓަކައެއް ނޫނެވެ. އޭނާގެ ހިތުގައި އުންމީދެއް އޮތީމައެވެ.

"ނޫން. މީހުންނާ ރައްޓެހިވުމަކީ އެސޮރު ކުރާހިއްވާކަމެއް ނޫން. ތިކުދިން ތިހެން އުޅޭއިރު ނިކަން ރަނގަޅު ކުއްޖަކު ހޯދަބަލަ" ޒަހާ ބުންޏެވެ. އެހެން ބުނުމާއެކު ނީލަމްގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އޭނާ މަޑުމަޑުން ތެދުވިއެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ވަކި ހިސާބަކުން އެމީހުންނަށް ފުރަގަސްދިނެވެ.

"ނީލަމް ދަނީތަ؟" ޒަހާ ގޮވައިލިއެވެ. ނީލަމް ބަލައި ނުލިޔަސް ދެއަތުން އަވަސް ހަރަކާތެއް ކޮށްލިކަން އެނގެއެވެ.

"މިދަނީ ކޮޓަރިއަށް ފާހާނާއަށް ވަދެލަން" ނީލަމް ބުންޏެވެ. ޒަހާ އިތުރު އެއްޗެއް ބުނުމުގެ ކުރިން އޭނާ ހިނގައިގަތެވެ.

"މިގޭތެރެއިން އަޅުގަނޑަށް ފެންނަނީ މަޑުމައިތިރިކަން. ނީލަމްވެސް ހާދަ ވާހަކައެއް ނުދައްކައޭ" އަލިޝްބާ ބުންޏެވެ.

"އެމަންޖެ އާ އަދި ވާހަކަދައްކާ ނުލެވިގެން މިއުޅެނީ. ހީވަނީ ކޮންމެސް ފިކުރެއް ކުރާހެން. ބައެއްފަހަރު ފެނޭ ހިޔާލަކަށް ގެއްލިފަ އިންދަވެސް. ނިކަން ލިބާ އެމަންޖެ އާ ގުޅުން ބަދަހިކޮށްބަލަ. އެއް އުމުރުގެ ކުއްޖަކާ ވާހަކަދައްކާލަން ލިބިއްޖިއްޔާ ވާހަކަދައްކާ ކަންތައްތައް ހިއްސާކުރަން ފަސޭހަވާނެއްނު" ޒަހާ ވާހަކަދެއްކިއެވެ.

"އަޅުގަނޑު ތިކަން ކުރެވޭތޯ ބަލާނަން. ގޭތެރޭގެ މަސައްކަތްތައް ނިންމާލާފައި ބާލާނަން ގިނަވަގުތު މިގޭގަ ހޭދަކުރެވޭތޯ" ޒަހާގެ އަތުގައި ފިރުމައިލަމުން އަލިޝްބާ ބުންޏެވެ.

***

މުޅީން އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއްވެސް ނެތެވެ. ސާފު ނޫ ކުލައިގެ އުޑުމައްޗަށް ބަލާލާއިރު ހީވަނީ ފުން ކަނޑަކަށް ބަލައިލެވޭ ހެންނެވެ. ވައިރޯޅިއެއްގެ ހިލަމެއް ވަނީ ހާލަކުން ފަހަރަކުއެވެ. ރަށުތެރޭގައި ކުދި ބޮޑުއެންމެން މަޑުމަޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. ސްކޫލުތައް ހުޅުވޭ ދުވަސްކަމުން މަގުތަކުން ގިނައިން ފެންނަމުން ދިޔައީ ހުދު ޔުނީފޯމްތަކެވެ. ގަމަރާއެކު މަގުގެ އެއްފަރާތުން ޖިޔާ އައެވެ. ވަކި ހިސާބަކުން މީހަކު އޭނާއަށް ގޮވާލިއެވެ. ހުއްޓި ބަލައިލުމާއެކު އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. ކުރިމަތީގައި ހުރީ އޭނާއާއި އެއް ގްރޭޑޭއްގައި އުޅޭ ތަހުސީނެވެ. މީގެކުރިން ތަހުސީނަކީ ޖިޔާ އާ ވާހަކަދައްކައި އުޅޭ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް މިފަހަރު ޖިޔާ މޫނުމައްޗަށް ހައިރާންކަން ވެރިވެއްޖެއެވެ.

"ކުއްޖަކު ދިން އެއްޗެއް ހަވާލުކޮށްލަން" ތަހުސީނު ބުންޏެވެ. ހައިރާންވެފައި ޖިޔާއަށް ބަލައިލެވުނީ ކައިރީގައި ހުރި ގަމަރުގެ މޫނަށެވެ.

"ޖީއަށްތަ؟ ކާކު ދިން އެއްޗެއް" ޖިޔާ އެހިއެވެ.

"ނަމެއް ނޭނގޭ. އެތާ ރުއް ކައިރީގަ އެބަހުރި. އަނހަ މިހާރު ފެންނާކަށް ނެތް ދޯ" ފަހަތަށް އެނބުރު ތަންކޮޅެއް ދުރުގައި ހުރި ރުކާ ދިމާލަށް ބަލައިލަމުން ތަހުސީނު ބުންޏެވެ.

"އަން. މީގައި ހިފާ ދެން" ޖިޔާ އަތަށް ފަތްޖަހާފައި އޮތް ގަނޑުކޮޅެއް ދީފައި ތަހުސީން އައިކޮޅަށް ހިނގައިގަތެވެ.

"ބަލާބަލަ ކޯޗެއްތޯ" ގަމަރު ބުންޏެވެ.

"ކްލާހަށް ގޮސްފަ ބަލަމާ. ގޭޓު ލައްޕަން ވާއިރަށް ދާންޖެހޭނެ" ޖިޔާ ބުންޏެވެ.

"ހިނގާ ދަމުންވެސް ބެލޭނެ. ނިއުޅުވަބަލަ" ގަމަރު ބުންޏެވެ.

ފަތްޖަހާފައި އޮތް ގަނޑުކޮޅު ނިއުޅުވުމާއެކު ރަތްކުލައިގެ ގަލަމުން ލިޔެފައިވާ ތިން ލަފްޒުގެ ޖުމްލަ ޖިޔާ ކިޔާލިއެވެ. އިރުކޮޅަކުން އަނގަ ހަދާލާފައި ބިންމައްޗަށް ގަނޑުކޮޅު ވައްޓާލައިފިއެވެ.

"އީޔޫ.." ޖިޔާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ފަކުރުގަނެފައި ހުންނަ ކަހަލަ ވައްތަރެކެވެ. އަނގަ މަތީގައި އަތްއަޅައިގެން ހުރެ ގަމަރު ހެނީއެވެ.

"ހިނގާ އަވަހަށް ދާން" ގަމަރުގެ އަތުގައި ހިފަމުން ޖިޔާ ބުންޏެވެ. ގަމަރު ހިނގައިގަތީ ޖިޔާ ބިންމައްޗަށް ވައްޓާލި ގަނޑުކޮޅު ހިފައިގެންނެވެ. އެހެނީ މަގުމައްޗަށް ކުނި އެޅުމަކީ އޭނާ ކުރާހިއްވާކަމެއް ނޫން ވީމައެވެ.

***

މިސްކިތުން އައިސް ހާތިމް ކޮޓަރިއަށް ވަންއިރު އެނދުގައި އިން އަނބިމީހާ ފެނިފައި ހައިރާންކަމެއް ލިބުނެވެ. އޭނާއަށް ބަލައިލެވުނީ އަތުކުރީގައި އޮތް ގަޑިއަށެވެ. އަށެއް ޖަހަން ގާތްވެއްޖެއެވެ. ނަމާދު ދޮޅި އަޅައިގެން އިން އިންއިރު އަރަން ގެންގުޅުނު އެއް ސްޓާކީން ފަޅި އޮތީ ސުމައްޔާގެ އަތުގައެވެ. މީހަކު ކޮޓަރިއަށް ވަންކަމެއްވެސް އޭނާއަށް ނޭނގެއެވެ. އޭނާ ސިކުނޑި ވަނީ ވިސްނުމާ ފިކުރުތަކުގެ ކަނޑަކަށް ގެނބިފައެވެ. އެހެންކަމުން ނަމާދުވަގުތު ފަހަނައަޅާ ދިޔައިރުވެސް އޭނާއަށް ހިލަމެއް ނުވިއެވެ.

ހާތިމް ކައިރިވެލާފައި އަނބިމީހާގެ ކޮނޑުގައި އަތްޖައްސައިލުމާއެކު ވިއްސިވިހާލިވެގެން ދިޔަ ބިއްލޫރިތަކެއް ފަދައިން ސުމައްޔާގެ ވިސްނުންތައް އެތިކޮޅުތަކަކަށް ވެގެން ދިޔައެވެ. ބޮލަށް ތޫނު ތަދެއް އަރައިގެންވެސް ދިޔައެވެ. އޭނާއަށް ބަލައިލެވުނީ ދާދި ގާތުގައި ހުރި ފިރިމީހާއަށެވެ. އަނބިމީހާގެ ދެލޮލުން ފެނުނު ކަންބޮޑުވުން ހާތިމްއަށް ސުވާލުނުކޮށް ދޫކޮށްނުލެވުނެވެ.

"އަނެއްކާ ކިހިނެއްވީ؟ އަދިވެސް ނަމާދުނުކުރަންތަ؟" ހާތިމް އެހިއެވެ. އޭނާ އިށީނީ ސުމައްޔާ އާއި ގާތުގައެވެ. އަބިމީހާގެ އަތްތިލަ އުފުލައިލުމަށްފަހު އޭނާގެ އަތުގެ ތެރެއަށް ލިއެވެ.

"މިސްކިތުން ތިއައީތަ؟ އަދި ކާންނުހަދާ ހުންނާނީ؟ މިދަނީ ކާންހަދަން" ފިރިމީހާގެ ސުވާލުތަކަށް ޖަވާބުނުދީ ސުމައްޔާ އުޅުނީ ތެދުވެގެން ގޮސް މުސައްލަ މަތީގައި ހުއްޓޭށެވެ. ސުމައްޔާ ދިޔަ ނުދީ ހިފަހައްޓަން އުޅެފައިވެސް އެ ވިސްނުން ހާތިމް ދޫކޮށްލިއެވެ. އެހެނީ އަބަދުވެސް އެންމެ ފުރަތަމަ ނަމާދެވެ. ހަމަޖެހިގެން އަނބިމީހާ އާ ވާހަކަދައްކާނީ އޭ ހިތާ އޭނާ މަޑުމަޑުން ކޮޓަރި ދޮރުލައްޕާލާފައި ނިކުތެވެ.

ހާތިމް ގޮސް ހުއްޓުނީ އަންބަރްގެ ކޮޓަރި ދޮރުމަތީގައެވެ. އޭނާ ދޮރުގައި ޓަކި ޖަހާލިއެވެ. އަންބަރް އައިސް ދޮރު ހުޅުވާލިއެވެ. ނިދަންލާ ކުރުތާގައި އަންބަރްގެ ދެލޮލުން ނިދީގެ އަސަރު ހާތިމަށް ފެނުނެވެ.

"ނިދަނީތަ؟" ހާތިމް އެހިއެވެ. އާފުރިލަމުން އަންބަރް ބޯޖަހާލިއެވެ.

"މިރޭ ހާދަ އަވަހަށް ތިނިދަނީ؟ އަދި ނުވެސް ކަމެއްނު. މިހާރު ނަމާދުކުރީތަ؟" ހާތިމް އެހިއެވެ.

"ނޫން.... އާނ... އާނ ނަމާދުކޮށްފިން" އަންބަރް ބުންޏެވެ.

"އެހެންވިއްޔާ ބޭރަށް އާދޭ ކާން" ހާތިމް ބުންޏެވެ.

ހާތިމް ދެން ގޮސް އިށީނީ ސޯފާގައެވެ. ޓިވީ ހުޅުވާފައި އޭނާ އަށެއްގެ ހަބަރަށް އެޅުވިއެވެ. ކޮޓަރިން ނިކުތް ސުމައްޔާ ކާންހަދަން ހުރިއިރުވެސް އެހެންޏާ ހުންނަ ޖޯޝާ ފޯރިއެއް އޭނާގެ ނެތެވެ. އެހެންނަމަވެސް އޭނާ އެންމެ ފުރިހަމައަށް ކާންހަދާފައި ފިރިމީހާއަށް ގޮވިއެވެ.

"ބަލީތަ؟" އަނބިމީހާ ހުރިގޮތުން ހާތިމް އެހިއެވެ.

"މާބޮޑުކޮށެއްނޫން. ބޮލެއްގަ ރިހެނީ" ސުމައްޔާ ބުންޏެވެ.

އިރުކޮޅަކުން އަންބަރް އައިސް އިށީނެވެ. އޭނާއަށް ތަށި ކައިރިކޮށްދިނީ ހާތިމެވެ. އެވަގުތު ސުމައްޔާ އައިސް އަންބަރް ކުރިމަތީގައި ހުރި ތަށި ގެންގޮސް ތަށި ބަންޑުންޖަހާ ހަރަށް ލިއެވެ. އެމަންޒަރު ބަލަން އިން ހާތިމް އިނީ ސުމައްޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ކިހިނެއް ތިހެދީ؟" ހާތިމް އެހިއެވެ.

"އިބާ ތިއައީ ކާކަށްނު. އަމިއްލައަށް ތަށި ހިފައިގެން އާދޭ" ސުމައްޔާ ބުންޏެވެ. ދާން ނުދާން އިން ކަހަލަ ގޮތަކަށް ހާތިމްގެ މޫނަށް ބަލައިލާފައި އަންބަރް ތެދުވެއްޖެއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމެއް ފެންނަން ހުއްޓެވެ.

"މިތަނުން ބަތް އަޅައިގެން ތެލި ކައިރިއަށް ގޮސް ރިހަ އަޅައިގެން އައިސް އަމިއްލަ އަތުން މޮޑެގެން ކައިބަލަ. ކާން ފެށުމުގެ ކުރިން ތައްޓަށް ޖޫސް އަޅައިގެން އާދޭ" ތަށި ހިފައިގެން އަންބަރް އައުމުން ސުމައްޔާ އަމުރު ކުރިއެވެ. އަންބަރް ހުރީ ސުމައްޔާގެ އަމަލުތައް ހުރިގޮތުން ރުޅިފަޅައިގެންދާން ކައިރިވެފައެވެ.

"މަންމައަށް އެނގޭއެއްނު އަޅުގަނޑުގެ ނިޔަފަތި ދަށަށް ކާއެއްޗެހި ވަންނާނެކަން ބަތް މޮޑުނީމަ. އެހެންނޫނަސް ނޫޅެމޭ މަންމަ އަތުން މޮޑޭކަށް. ބައްޕަ މޮޑެދޭނެ" އަންބަރް ބުންޏެވެ.

"ހާތިމަށް ލާހިކެއްނޫން މޮޑެއްދޭކަށް. ބަނޑުހައިވަންޏާ ތިޔަ ރީތި ނިޔަފަތިތައް ކަންޑައިގެން އާދޭ. އެހެންނޫނީ އިބާގެ ކޮންމެ މަސައްކަތެއް ވަކިވަކިން ކުރަން މިގެއަށް ނޯކަރުން ހޯދާ. އެކަމަކު ބުނަން އަހަރެންގެ ފިރިމީހާގެ އެންމެ ލާރިއެއްގައިވެސް އަތްލައިގެން ނުވާނެ" ސުމައްޔާ އަމުރުކުރިއެވެ.

"ނޫޅެން ކާކަށް" މޭޒުމަތީގައި ތަންކޮޅެއް ބާރަށް ތަށި ބަހައްޓަމުން އަންބަރް ބުންޏެވެ. އޭނާ ކޮޓަރިއަށް ދާން ހިނގައިގަތުމާއެކު ހާތިމް ގޮވާލިއެވެ.

"ނުވޭ ބަނޑުހައެއް" ފަހަތަށް އެނބުރިވެސްނުލާ އަންބަރް ބުންޏެވެ. އޭނާ ކޮޓަރިއަށް ވަންނަންދެން ބަލަހައްޓައިގެން އިނދެފައި ހާތިމް ދެން ބަލައިލީ ކުރިމަތީގައި ހުރި ސުމައްޔާއަށެވެ.

"މީހުން ބުނޭ ރޯން ފަށައިފިއްޔާ ހުއްޓާނުލާ ނުފުދޭނޭ. ބަނޑުހައިވިއްޔާ ނުކައިވެސް ނުހުރެވޭނެ ދޯ. އަހަރެން މިބުނީ ހާތިމް މިރޭ އޭނަ ރުއްސައިގެން ކާއެއްޗެހި ހިފައިގެން އެކޮޓަރިއަށް ގޮސްގެންނުވާނެ. ދަރިން ދެކެ ލޯބިވުމަކީ ދަރިން ހަލާކުކުރުމެއް ނޫން" ސުމައްޔާ ވާހަކަދެއްކިއެވެ. ހާތިމް ބަހެއްނުބުނެ ކާން ފެށިއެވެ. އޭނާއަށް އެއްކަމެއް ޔަގީންވިއެވެ. ސުމައްޔާގެ ނަފްސަށް ވެރިވެފައިވާ މަޑުމައިތިރިކަމާ ބަސްމަދުކަން ގުޅިފައިވަނީ އަންބަރާއެވެ. ދެމައިން ދޭތެރޭގައި ހަނގުރާމައެއް ހިނގައިފިއެވެ. ކުޑަ ދަރިފުޅާ ގުޅުވައިގެން ސުމައްޔާ ދެއްކި ވާހަކަތަކުގެ ފަހަތުގައި ފޮރުވިފައިވާ ވޭނީ އަސަރު ހާތިމަށް އިހުސާސްވިއެވެ. އެވާހަކަތަކުން އޭނާއަށް އިހުސާސްވީ ސުމައްޔާގެ ހިތުގައި އަންބަރާ މެދު އޮތް މައިވަންތަ ލޯތްބެވެ. ދެން ފާއިތުވެގެން ދިޔަ ވަގުތުގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ޙާތިމްގެ ކުރިމަތީގައި ސުމައްޔާ ހިމޭންކަމާއެކު އިށީނދެގެން އިނެވެ. އޭނާގެ ދެއަތްތިލަ ވަނީ ދަތްދޮޅީކޮޅުގައި ޖައްސާލެވިފައެވެ. ބަލަހައްޓައިގެން އިނީ ޙާތިމް ކާން އިން ބަތް ތައްޓަށެވެ. އަނބިމީހާ ބަހެއް ބުނޭތޯ ކާން އިނދެފައިވެސް އިރުކޮޅަކާ ޙާތިމް އަނބިމީހާއަށް ބަލައިލައެވެ. އެންމެފަހުން އޭނާ ކައި ނިމިގެން އޭނާ ކެއި ތައްޓަށް ބަތް އަޅާފައި ރިހައާއެކު އަލުން މޮޑުނެވެ. ކުޑަ ފަތް ސަޓަނި ކޮޅެއް އަޅާފައި ތަށި ހިފައިގެން ގޮސް އިށީނީ އަނބިމީހާ އިން ގޮނޑި އާއި ޖެހިގެން އިން ގޮނޑީގައެވެ. ސުމައްޔާ ބަލައިލީ އޭނާގެ އަތުގައި ޙާތިމް ފިރުމާލުމުންނެވެ.

"ނުކެވުނީތަ؟" ކުރިމަތީގައި ހުރި ބަތްތަށި ފެނުމުން ސުމައްޔާ އެހިއެވެ.

"ނޫނޭ. މިއީ ސުމޭއަށް ބަތް މޮޑެފައެއްނު. ކާއެއްޗެއް ނުކައި ތިހެން ފިކުރު ބޮޑުވެފަ އިނީމަ މާބޮޑަށް ބަލިވެދާނެ" ޙާތިމް ބުންޏެވެ. އިރުކޮޅަކު ބަހެއް ނުބުނެ ބަތް ތައްޓަށް ބަލަހައްޓައިގެން ސުމައްޔާ އިނެވެ. އޭނާގެ ވިސްނުން ގުޅިފައިވަނީ އަންބަރާއެވެ. ދަރިއަކު ނުކައި ބަނޑުހައިހޫނު ކަމުގައި ހުއްޓާ މަޔަކަށް ފެން ފޮދެއްވެސް ދިރިދާނެ ހެއްޔެވވެ؟ އެންމެފަހުން ސުމައްޔާ ބަތްތަށީގައި އަތްނުލާނެކަން އެނގުމުން ޙާތިމް އަތުންލަވާފައި އަނބިމީހާގެ އަނގައަށް ލަވައިދިނެވެ.

***

ނިދަން ތައްޔާރުކޮށްފައި ޒަހާ އެނދަށް އަރުވާފައި ނީލަމް ހިންދެމިލިތަނާ ކޮޓަރިއަށް އައިސް ވަނީ ޖިޔާއެވެ. އޭނާގެ އަތުގައި ފޮތަކާ ގަލަމެއް އޮތެވެ. އޭނާ ގޮސް ޒަހާގެ މަގަތުން އިށީނދެފައި އަތުގައި އޮތް އިސްލާމް ފޮތް ހުޅުވާލިއެވެ. ފޮތުގައި ހުރި އޭނާއަށް އޮޅުންއަރާ ދީނީ ސުވާލުތައް ނޯޓްކުރަމުން ދިޔައީ ޒަހާގެ އެހީތެރިކަމާއެކުގައެވެ. އޭނާއަށް ޒަހާ ފިލާވަޅު އޮޅުންފިލުވައިދެމުން ދިޔައެވެ.

"ނީލަމްދައްތަ މިކޮޓަރީގަތަ ނިދަނީ؟" ޒަހާގެ ކޮޓަރިއަށް ގޮދަޑިއެއް ހިފައިގެން ވަން ނީލަމް ފެނުމުން ޖިޔާ އެހިއެވެ.

"އާނ. ޒަހާއްތަ އެކަނި އޮންނަން ނީލަމްދައްތަ އެހާ ހެޕީއެއް ނޫން" ނީލަމް ބުންޏެވެ. ޖިޔާ ޒަހާގެ މޫނަށް ބަލައިލާފައި ހީލިއެވެ. އިރުކޮޅަކުން ބާލީހަކާ ރަޖައެއް ހިފައިގެން އައިސް އޭނާ ކޮޓަރިއަށް ވަނެވެ. މިފަހަރު ހުރީ ނިދާ ހެދުންވެސް ބަދަލުކޮށްގެނެވެ.

"އާނ މަންމާ ޖީ އަދި މިހުރީ އަދި ހަނދާންނެތިފައޭ. އެބައޮތް ވާހަކައެއް ބުނަންވެފަ" ކޮޓަރިން ނިކުންނަން އުޅެފައި ޖިޔާ ބުންޏެވެ. އަދި އަލުން އައިސް އެނދުގައި އިށީނެވެ.

"ކޮބާ ދޮންބެ؟ ދޮންބެއަށް ގުޅާބަލަ. ވަރަށް ބޮޑު ކަމެކޭ ވީ" ޖިޔާ ބުންޏެވެ. އަރިމަތީ ކަބަޑުމަތީގައި އޮތް ފޯނު ނަގާފައި ޒަހާ ޖޫދުގެ ފޯނަށް ގުޅިއެވެ. ސިކުންތެއްގެ ތެރޭގައި ޖޫދު ހުރީ އެ ކޮޓަރި ތެރޭގައެވެ. ޖޫދު ފެނުމާއެކު ތިރީގައި އޮތް ނީލަމް ފުންމައިގެން ތެދުވިއެވެ. އަދި އިށީނދެފައި ރަޖާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. އޭނާ އެހާ އަވަހަށް ތެދުވެ އިށީނީ ޖޫދަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ.

"ސޮރީ. ނޭނގޭ ނީލަމް އޮތް ކަމެއް" ނީލަމްއަށް ވި ގޮތް ފެނުމުން އަވަސް އަވަހަށް ޖޫދު ބުންޏެވެ. ވަގުތުން ނީލަމް ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ.

"ކިހިނެކޭވީ އަނެއްކާ" ޒަހާ އިން އެނދުގެ ފައިލާކޮޅުގައި އިށީނދެފައި ޖޫދު އެހިއެވެ.

"ޖީ މިއަދު ސްކޫލަށް ދަނިކޮށް ކުއްޖަކު ދިނީ ގަނޑުކޮޅެއް އެހެން ކުއްޖަކު ޖީއަށް ދޭށޭ ކިޔާފަ ދިން.. ދެން ގަމަރާ ޖީ އާ ވެގެން އެ ގަނޑުކޮޅު ބަލާލިއިރު އިނީ... ލިޔެފަ އިނީ....." ޖިޔާއަށް ޖުމްލަ ފުރިހަމަކުރަން ނުކެރުނެވެ. އޭނާގެ ނަޒަރުގައި އެ ގަނޑުކޮޅުގައި ލިޔެފައިވަނީ އޭނާ އެހާ ގަޔާވާ ލަފްޒެއް ނޫނެވެ.

"ކީކޭ އޮތީ؟" ޖޫދަށް އެނދުން ކޮޅަށްވެސް ތެދުވެވިއްޖެއެވެ.

"އައި ލަވް ޔޫ ޖިޔާ އޭ ޖަހާފަ" ޖިޔާ ބުންޏެވެ.

"ވަޓް...؟" ޖޫދަށް ހީވީ އޭނާގެ މޫނުމަތީގައި ނުފެންނަ އަތުން މީހަކު ބާރު އެތިފަހަރެއް އަޅުވާލިހެންނެވެ. މީހަކު ސަމާސާ އަކަށްވެސް އެފަދަ ކަމެއް ކުރަން ކޮއްކޮގެ އުމުރަކީ ކޮބާ ހެއްޔެވެ؟ ޖޫދަށް ހީވީ އޭނާގެ އެތެރެހަށީގައި ދައުރުވަމުން ދިޔަ ލެއަށްވެސް ހޫނުކަމެއް އައި ހެންނެވެ. އެއީ ކޮންމެ މީހަކު ކުރި ކަމެއް ކަމުގައި ވިޔަސް އެމީހަކު އޭނާ ހޯދާނެއެވެ.

(ނުނިމޭ)