މަރާމާތަށްފަހު ތިލަފުށިން ބާލައިގެން އައި މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ހުޅުމާލޭ ނެރުމައްޗަށް އުރިއްޖެ އެވެ.

މަންޒަރު ދުށް މީހަކު 'ވަން' އަށް ބުނީ އެ ޔޮޓް ހުޅުމާލޭގެ ނެރުމައްޗަށް އުުރިފައިވަނީ މިއަދު ހެނދުނު ކަމަށާއި އެއިރު ޖާބިރުގެ އިތުރުން އަދި އިތުރު މީހަކު ވެސް ޔޮޓުގައި ހުރި ކަމަށެވެ.

ދިގުމިނުގައި 60-55 ވަރަކަށް ފޫޓު ހުންނަ ލަގްޒަރީ ޔޮޓު ހުޅުމާލޭ ނެރުގެ ކަނާއަތް ފަރާތަށް އުރިފައިވާ ކަމަށް ބެލެވެނީ ހެނދުނު 9:00ގެ ކުރީން ކަމަށް އެ ޔޮޓު ކައިރިޔަށް ހެނދުނު ދިޔަ މީހަކު ވަން އަށް ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޔޮޓް ހުޅުމާލޭ ފަޅަށް ގެނެސްފައިވަނީ ތިލަފުއްޓަށް އެހެލައި މަރާމާތުތަކެއް ކުރުމަށްފަހު އެވެ.

"ހެނދުނު 9:00 ޖެހިއިރު އަޅުގަނޑަށް ފެނުނީ އެ ޔޮޓް ހުޅުމާލެ ނެރުމައްޗަށް އަރާފައި އޮއްވައި. އޭރު އައީ ދިޔަވަރު ބޮޑުވަމުން. އެންމެ ހިކި ދިޔައެއް ވެސް ނޫން އޮތީ،" މަންޒަރު ދުށް މީހަކު ވަން އަށް ކިޔައިދިނެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ޖާބިރުއަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ މައުލޫމާތު ލިބޭ ގޮތް ނުވެފަ އެވެ. އަދި އެމްއެންޑީއެފްގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.