އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރަޒެނެކާ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެސްޓްރަޒެނެކާ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން book.hpa.gov.mv އިން އެޕޮއިންޓްމެންޓް ނެގޭނެ ކަމަށެވެ. އަދި އެ މީހަކު ވެކްސިން ޖަހަން ބޭނުންވާ ދުވަހުގެ އިތުރުން ގަޑި ވެސް އަމިއްލައަށް އިހުތިޔާރު ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޕޮއިންޓްމެންޓް ހަމަޖެހުމުން ފޯނަށް އެސްއެމްއެސްއެއް ލިބޭއިރު، ވެކްސިން ސެންޓަރަށް އެ އެސްއެމްއެސް ދައްކަން ޖެހޭނެ އެވެ. އަދި ގަޑިޖެހުމުގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ އެޕޮއިންޓްމެންޓް ކެންސަލް ކުރާނެ އެވެ. އަދި އަލުން އެހުން ދުވަހަކަށް އެޕޮއިންޓްމެންޓް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ކުރިއާލައި ކިޔުގައި ނުތިބުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑުން ރައްކާތެރިކަން ހޯދުމަށް ޖަހާ ވެކްސިން ތަކުގެ ތެރެއިން ހަތް ވެކްސިނެއް ޖެހުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވާއިރު، އެސްޓްރަޒެނެކާ ވެކްސިނަކީ އެންމެ ފަހުން ހުއްދަ ދިން ވެކްސިނެވެ. ދެން ހުއްދަ ދީފައިވަނީ، ކޮވިޝީލްޑް ވެކްސިނާއި ސައިނޯފާމް ވެކްސިނާއި މޮޑާނާ، ފައިޒާ، ސްޕަޓްނިކް އަދި ޖޯންސަންގެ ވެކްސިނަށެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރާގެ 73 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 59 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި 27 ޕަސެންޓު މީހުން އަދިވެސް ތިބީ ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖަހައި ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ފާތުމަތު ނަޒްލާ ރަފީގު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ހޮނިހިރު ދުވަހު ފަށާއިރު، ސަރުކާރުގެ އަމާޒަކީ އޯގަސްޓު މަސް ނިމުމުގެ ކުރީން ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުގެ 90 ޕަސެންޓު މީހުންގެ ގަޔަށް ވެކްސިން ޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.