އޭޝިއަން އެކެޑެމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) ގެ ފަރާތުން އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ވިޔަފާރި ވިއްކާލުމާ ގުޅޭ ގޮތުން ނުވަތަ އެ ފަރާތުގެ ވިޔަފާރީގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކޮށް ވިއްކާލުމުގެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާއެކު ނުކުރުމަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ، އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭއޭއޭ ގޮވައިގެން އެ ސްކޫލްގައި ކިޔަވަމުން އަންނަ 48 ދަރިވަރަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި 48 ފަރާތުން ހުށަހަޅާފައި ވަނީ، އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފަށް ނިމުމަކަށް ގެނެސްފައިވާތީ އާއި، އެ ފަރާތުން ހިދުމަތް ދިނުމުގައި އަމަލު ކުރަމުން އަންނަ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ވެފައިވާތީ، އެކަމުގެ ސަބަބުން ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެ ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކު ޖުމްލަ 1.8 މިލިޔަން ޑޮލަރު އޭޝިއަން އެކަޑަމީ އޮފް އެރަނޯޓިކްސް އިން ހޯދުމަށެވެ.
މި ދައުވާއަށް ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން އޭއޭއޭގެ ފަރާތުން އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ވިޔަފާރި ވިއްކާލުމާ ގުޅޭގޮތުން، ނުވަތަ އެ ފަރާތުގެ ވިޔަފާރީގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކޮށް ވިއްކާލުމުގެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާއެކު ނުކުރުމަށާއި، އެފަދަ މުއާމަލާތެއް ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓްރީ ކުރުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށާއި، ދައުވާ ލިބޭ ފަރާތުގެ ބޭންކު އެކައުންޓްތަކުން ފައިސާގެ މުއާމަލާތްކުރުން ހުއްޓާލުމަށް އެ ފަރާތުގެ ބޭންކު އެކައުންޓްތައް ހުޅުވާފައިވާ ރާއްޖޭގެ އެންމެހައި ބޭންކުތަކުގެ މައްޗަށް އަމުރު ކުރުމާއެކު ދައުވާ ލިބޭ ފަރާތުގެ މުދާތައް އެހެން ފަރާތަކަށް ވިއްކާލުމާއި ބަދަލުކުރުމާއި، ދިނުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި، އަދި ދައުވާ ލިބޭ ފަރާތް ކުންފުންޏެއްގެ ގޮތުން އުވާލުމުގެ އެއްވެސް މުއާމަލާތެއް ކުރިއަށް ނުގެންދިއުމަށް ދައުވާ ލިބޭ ފަރާތާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެ ދަރިވަރުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، ވަގުތީ އަމުރެއް ނެރެން ޖެހޭ ފަދަ ކަމެއް، އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ ކަމަށް ބެލެވެން ނެތުމުން، ވަގުތީ އަމުރެއް ޝަރީއަތުން ނެރެން ޖެހޭނެ ތަނެއް ނެތްކަން އެނގޭ ކަމަށެވެ.
އެހެންކަމުން ދައުވާ ކުރާ ފަރަތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށް އެ ހުކުމްގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު