ނަމާދުގެ ހުކުމްތައް ދަންނަ ޝަރުއީގޮތުން ބާލިޣު ވެފައިވާ 13 އަހަރާއި 15 އަހަރުގެ ކުދިން، އިމާމުވެ ނަމާދު ކުރުމަކީ ދީނީގޮތުން މައްސަލައެއް އޮތް ކަމެއްނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ، ކުޑަކުދީން ލައްވައި މިސްކިތްތަކުގައި އިމާމުވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އެންގުމާ ގުޅިގެންނެވެ.
އެ މިނިސްޓްރީން މިގޮތަށް އެންގީ، ދާދި ފަހުން ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދީންތަކެއް ލައްވައި އިމާމުވެ ނަމާދު ކުރުމުގެ މައްސަލައެއް ފެންމަތި ވުމާ ގުޅިގެންނެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހާއްސަކޮށް ރީތިކޮށް ކީރިތި ގުރުއާން ކިޔަވާ، ގުރުއާން ހިތުދަސް ކުދިންނަށް އިމާމްވެ ނަމާދު ކުރުމުގެ ފުރުސަތު އޮތުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
ނަމާދުގައި މިސްކިތުގެ ކުރީ ސަފުގައި ކުޑަކުއްޖަކު އިނަސް އެކުދިން ފަހަތުސަފަށް ޖައްސައި ބޭރުކޮށްލުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި، ކުރީސަފުގެ ޖާގަ ތަކަކީ އެތަނުގައި ކުރިން އިންނަ މީހެއްގެ ހައްގެއް ކަމަށްވެސް ވިދާޅުވިއެވެ.
ކުޑަ ކުއްޖަކު ގޮސް ކުރިން އިށީންދެއްޖެނަމަ އެކުއްޖަކު ބޭރު ނުކުރެވޭނެ ކަމަށާއި، ހާއްސަކޮށް ހަތް އަހަރުގެ ކުދިންނާމެދު އެގޮތަށް ކަންތައް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ކުޑަކުދިން މިސްކިތަށް ލޯބި ޖެއްސުމާއި މިސްކިތުން އެކުދިން ބަލައިގަންނަަކަން އެކުދިންނަށް އިހުސާސްވާން ޖެހޭނެ. ސުންނަތަކީ ކުޑަކުދިންނަށް މިސްކިތުން ލޯތްބާއި އިހުތިރާމް ދިނުން. އެކުދިންނަކީ ޖަމާއަތުގެ ބައިވެރިންކަމުގެ އިހުސާސް ވުން،" ޑރ. ޝަހީމް ވިދާޅުވިއެވެ.