ހަތް ދިހަ ދެ ގަޑިއިރު ކުރިން ހަދަން ޖެހޭ ކޮވިޑް ޓެސްޓު 96 ގަޑިއިރަށް ބަދަލުކޮށް ރާއްޖެ އަންނަ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމަށް ނިންމައިފި އެވެ.

ކުރިން އޮތް ގޮތުން ނަމަ ވެކްސިން ފުރިހަމަ ކޮށްފައި ތިބޭ ފަރާތްތަކުން ވެސް ރާއްޖެ އައުމުގެ ކުރިން 72 ގަޑިއިރު ހަމަ ނުވާ ކޮވިޑަށް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ، އެ ނިންމުން މުރާޖައާ ކޮށް މިހާރު ޓެސްޓު ހެދުމުގެ މުއްދަތަށް އެއް ދުވަސް އިތުރުކޮށް 96 ގަޑިއިރު ހަމަ ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ރާއްޖެއަށް އާދެވޭނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު، ކުރީން އޮތީ 72 ގަޑިއިރު ހަމަ ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ގޮތަށެވެ. އެ ނިންމުން ބަދަލުކޮށް 96 ގަޑިއިރަށް އިތުރުކޮށްފައިވާއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެ ބަލިން ފަސޭހަ ވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވް ވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކާއި ކޮވިޑް ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށް، ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ ފަރާތްތައް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ އުސޫލެއް ހަދާފަ އެވެ.

އެ ފަދަ މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ނަަމަވެސް ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަސްތެރޭގައި ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ އެވެ.

ކުރިން އޮންނަ ގޮތުން ނަމަ ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ވެކްސިން ފުރިހަމަ ކުރާތާ 14 ދުވަސްވެފައިވާ މީހުން ހަތް ދުވަހަށް ކަރަންޓީނު ވާން ޖެހެއެވެ. އެ ލުޔަކީ ވެސް މިމަހުގެ ތެރޭގައި ދީފައިވާ ލުޔެކެވެ.

ކޮވިޑުން ރަނގަޅުވިތާ ދެމަސް ނުވާ މީހުންނާއި ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައިސް 14 ދުވަސް ވަންދެން ކަރަންޓީންވާން ޖެހޭނެއެވެ.