އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލާ ހަވާލުވެ، އެ ސްކޫލުގައި ހުއްޓިފައި ހުރި ކަންކަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރިއަށް ގެންދަން ފަށައިފިއެވެ.

އެވިޑް ކޮލެޖުން ބުނީ އެ ކޮލެޖާއި ޓްރިޕަލް އޭ އާ ދެމެދު ސޭލްސް ޕާޗޭސް އެގްރިމެންޓްގައި ސޮއިކުރި ފަހުން ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އައްޑޫގައި ހިންގަމުންގެންދާ ފްލައިން ސްކޫލްގެ ހަރަކާތްތައް އަލުން ފެށިގެން ވަރަށް ހަލުއި ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ފްލައިން ސްކޫލްގައި މިހާރު ކިޔަވަމުންގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓާ ޓްރެއިނިންތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިއަދު އަލުން ފަށާފައިވާ ކަމަށެވެ. އަދި މީގެ ހަފުތާއެއް ކުރިން ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަކުރަންޖެހިފައިވާ ދަރިވަރުންނަށް ބޭނުންވާ ތިއަރީ ކްލާސްތައް ފެށިގެން ކުރިއަށް ގެންދާ ކަމަށްވެސް އެވިޑުން ބުންޏެވެ.

މީގެ އިތުރުން އެގްޒާމްތައް ހަދަންޖެހޭ ދަރިވަރުންނަށް ރިފްރެޝިން ކްލާސްތައްވެސް ފަށާފައިވާ ކަމަށެވެ. މި ކްލާސްތައް ކުރިއަށް ގެންދަނީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއްނެތި ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

"މިކްލާސްތައް ނިމުމުން އެގްޒާމްތަކުގެ ޝެޑިއުލް ތައްޔާރު ކުރުމަށްފަހު ސިވިލް އޭވިއޭޝަނާއި ހިއްސާކޮށް އެބޭފުޅުންގެ އިރުޝާދާއެކު ވީ އެންމެ އަވަހަކަށް އެގްޒާމްގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައި،" އެވިޑް ކޮލެޖުން ބުންޏެވެ.

އެވިޑް ސްކޫލް އޮފް އޭވިއޭޝަނުން އަލަށް ގެނައުމަށް ހަޖެހިފައިވާ ފްލައިޓްގެ ޕޭމެންޓްގެ ކަންތައް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ދެންހުރި އެހެންކަންކަންވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގޮސް އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށްވެސް އެ ކޮލެޖުން ބުނެއެވެ.

އެހެންކަމުން މިފެށޭ މަހުގެ ކުރީކޮޅުގައި ފްލައިޓްގެ ބައިތައް ޑިސްމެންޓްލްކޮށް ވަކި ވަކިން ކޮންޓެއިނާއަށް ލޯޑްކުރުމަށްފަހު 45 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ގެނެވޭވަރު ވާނެ ކަމަސް އެ ކޮލެޖުން ބުންޏެވެ.

އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ކަންކަން ހިނގާގޮތް ބައްލަވާލެއްވުމަށްޓަކައި އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު ވަނީ އިއްޔެ އައްޑޫ ސިޓީއަށް ފުރާވަޑައިގެންފައެވެ.