ހއ. ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށީ އެއާޕޯޓް ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަސް ތެރޭގައި ނިންމުމަށެވެ. މި މަސައްކަތުގެ އަގަކީ 90.5 މިލިއަން ރުފިޔާއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ބައިވެރިވެވަޑައިގެންނެވިއެވެ.