ތ. ކިނބިދޫގެ މޮނީޓަރިންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ގެނެސްފިއެވެ.

ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން މިއަދު "ވަން" އަށް ވިދާޅުވީ އެރަށް މިއަދު ހެނދުނު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ކިނބިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ތުއްތު ކުއްޖަކު ޕޮޒިޓިވްވެގެންނެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ އީދުގެ ދެ ވަނަ ދުވަހުއެވެ. ނަމަވެސް އެރަށުގައި އީދު ކުޅިވަރުތައް ހުއްޓާ ނުލައި ކުރިއަށް ވަނީ ގެންގޮސްފައެވެ.

އަލީ ހުސައިން މީގެ ކުރިން ވިދާޅުވީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއެކު އެވަގުތުން ފެށިގެން އެރަށުގައި އީދު ކުޅިވަރުތައް މެދުކަނޑާލި ކަމަށެވެ.

ނަމަވެސް އެރަށުގައި އަލުން ކުޅިވަރުތައް ފަށާފައިވަނީ ރައްޔިތުންގެ މަޝްވަރާ އާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އިސް ފަރާތެއްގެ ލަފަޔާ އެއްގޮތަށް ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވިއެވެ.

މޮނީޓަރިންގެ ހާލަތުގައި އޮއްވައި ގިނަ ބަޔަކު އެއްވެ، ކުޅިވަރުގެ ހަރަކާތްތައް އެރަށުގައި ކުރިއަށް ގެންދިޔަ ނަމަވެސް އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތްތަކުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.