ވާހަކަ

ޖޫދް - 07

ހަތް ވަނަ ބައި

ކެމެރާ ބާއްވާފައި އައިސް އަލިޝްބާގެ ކައިރިން އިށީނދެފައި އަލިޝްބާގެ ކޮނޑުގައި ބޯއަޅައިލިއެވެ. އެހިނދު އައިމަން އަންބަރަށް ބަލައިލާފައި ހީލިއެވެ.

"ދޮންތަ ދެން ބޭނުންވަނީ އިބާ އަވަހަށް މެރީކުރަން" އަލިޝްބާ ބުނެލިއެވެ.

"އެއްކަލަ ދޮންތަ. ނޫޅެން އެހާ އަވަހަށް މެރީކުރަން" އަންބަރް މޫނު ހަދާލާފައި ބުނެލިއެވެ.

"އަހަރެމެންގެ އިބާއަށް ކޮންކަހަލަ ކުއްޖެއް ހޯދައިދޭންވީ" އައިމަން ބުނެލިއެވެ. ކުރިން އައިމަން އަންބަރާ ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް އަލިޝްބާއާއި އޭނާ ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުމަށްފަހު އަންބަރް ދެކެނީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. ގަމަރު ފަދައިން އަންބަރަށްވެސް އޭނާ ހިމާޔަތްދޭން ބޭނުންވިއެވެ.

"ހަމަ ސީރިޔަސްކޮށް. އަޅުގަނޑު އަދި ނުވިސްނަން މީހަކާ މެރީކުރަން" އަންބަރް ބުނެލިއެވެ. އަލިޝްބާއާއި އައިމަން ކައިވެންޏާ ގުޅިގެން އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން އޭނާ އެތަނުން ތެދުވެގެން ހިނގައިގަތެވެ.

ކޮޓަރިއަށް ވަނުމަށްފަހު އައިމަން ވަނީ ފާހާނާއަށެވެ. އަލިޝްބާ ވަށައިގެން ކޮޓަރިއަށް ތެރެއަށް ނަޒަރު ހިންގައިލިއެވެ. ބޮޑު ކޮޓަރިއެކެވެ. މާ ތަނަވަސްކަމެއް ފެންނަން ނެތަސް ދެމަފިރިއަކު އުފަލުގައި އުޅެލަން ހަމަ ހެޔޮވަރުގެ ކޮޓަރިއެކެވެ. އައިމަން ފާހާނާއިން ނިކުމެގެން އައީ އަލިޝްބާ ކޮޓަރި މެދުގައި ހުއްޓިގެން ހުއްޓައެވެ.

"ކިހިނެއްވެފަ" އައިމަން ބުނެލިއެވެ.

"ކަމެއްނުވޭ" އަލިޝްބާ ބުނެލިއެވެ. އައިމަން އަލިޝްބާގެ އަތުގައި ހިފާލިއެވެ. އޭނާ އަލިޝްބާ ގޮވައިގެން ގޮސް އެނދުގައި އިށީނެވެ. އަނބިމީހާގެ މޫނަށް ލޯތްބާއެކު ބަލަހައްޓައިގެން އިނދެފައި އޭނާ ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ފެހިކުލައިގެ ފޮތިކޮތަޅެއް ހިނފައިގެން އައިސް އެނދުގައި އިށީނދެފައި އެ ކޮތަޅު އޭނާ އަލިޝްބާއަށް ދިއްކޮށްލިއެވެ.

"މިޔޯ" އަލިޝްބާ އެހިއެވެ.

"ތީ މިރޭގެ އުފަލުގައި އަހަރެންގެ އަނބިމީހާއަށް އަހަރެން ފަރާތުން ދޭ އެންމެ އަގުބޮޑު ހަދިޔާ. ބަލާބަލަ" އައިމަން ބުނެލިއެވެ.

އަލިޝްބާ ކޮތަޅު ތެރޭގައި ހުރި އެއްޗެހި ނަގާފައި ބަލައިލިއެވެ. ކަޅު ކުލައިގެ ނަމާދު ބުރުގާއަކާއި ފަޔަށް ލައްވާ އިސްޓާކީން ފެނުމުން އޭނާއަށް ހިނިތުންވެވުނެވެ. އޭގެފަހުން ކުޑަ މުސްހަފަކާއި މޫނު ބުރުގާއެއްވެސް ނެގިއެވެ.

"އަހަރެން ބޭނުމީ ވަގުތީ އުފަލެއްނޫން. ދާއިމަށް ލިބާ އަހަރެންގެ އަންބެއްގެ މަގާމުގައި ހުރުމަށް އެދެނީ. ދެމީހުން އެއްކޮށް މިދުނިޔޭގައި މަސައްކަތްކޮށްގެން އެދުނިޔޭގައި އުފަލުގައި އުޅެން. ދެމީހުންވެސް ދުނިޔެ ދޫކޮށްފައިދާއިރު ދިރިތިބީންނަށް ފިލާވަޅެއް ދީ ހެޔޮލަފާ ދަރިފަސްކޮޅެއް އާލާކޮށްފަ ދާން. އަދި އަހަރެމެންގެ މައިންބަފައިން އަހަރެމެން ދުނިޔޭގައި ނެތަސް އަހަރެމެންނާމެދު އެމީހުން ފައިހުރުވެރިވާ ފަދަ ދަރިންތަކަކަށްވާން" އައިމަން ވާހަކަދައްކަމުން ދިޔައިރު އަލިޝްބާ އިސްޖަހާލައިގެން އަޑުއަހަން އިނެވެ.

އަދި ވަރަށް މުހިންމު އެއްވާހަކަ. އެނގޭ އަހަރެމެންނަކީ އެކަކު އަނެކަކުދެކެ ވަކިނުވޭވަރަށް ލޯބިވެވިގެން ކައިވެނިކުރި ބައެއް ނޫންކަން. އެކަމަކުވެސް މާތްﷲ އަށްޓަކައި. އަހަރެންގެ އަނިބި ކަނބުލޭގެ ދެކެ ވަރަށް ލޯބިވެއްޖައިން" އައިމަން ބުނެލިއެވެ. އަދި އަލިޝްބާގެ ދެއަތް ތިލައިގައި ބޮސްދިނެވެ. އެހިނދު އަލިޝްބާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ.

އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ހެނދުނުގެ ސަޔަށް ތައްޔާރުވެގެން ޖޫދު މޭޒު ކައިރިއަށް އައިރު ޒަހާއާއި ޖިޔާ ފެންނަން ނެތެވެ. އަތުކުރީގައި އޮތް ގަޑިއަށް އޭނާ ބަލައިލިއިރު ހަތެއްޖަހަން ފަސްމިނިޓް ހުއްޓެވެ. މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި ޒަހާގެ ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ބަދިގެ ތެރެއިން ރިހަ ބޯތައްޓެއް ހިފައިގެން ނިކުތް ނީލަމް ފެނިއްޖެއެވެ.

"ބާއްޖަވެރި ހެނދުނެއް" ނީލަމް ބަދިގެއިން ނިކުތްއިރު މޭޒު ކައިރީގައި ޖޫދު ހުރިކަމެއް ނޭނގެއެވެ. ވާހަކަދެއްކި އަޑަށް ބަލައިލާފައި އެއީ ޖޫދު ކަން އެނގުނު ހިސާބުން ހީލައިފިއެވެ. އެހެންނަމަވެސް ޖޫދާ ނަޒަރު ސީދާކޮށްލުމެއް ނެތިއެވެ.

"ޖީ މަންމަ ކޮޓަރީގަތަ؟" ޖޫދު އެހިއެވެ.

"ލައްބަ" ނީލަމް ޖަވާބުދިނެވެ. ޖޫދު މިސްރާބުޖެހީ ޒަހާގެ ކޮޓަރި އާ ދިމާލަށެވެ. އެހިސާބަށް ނުދެވެނީސް ޖިޔާ ކޮޓަރިން ނިކުތްތަން ފެނިއްޖެއެވެ. އިރުކޮޅަކުން ބޮޑަށް ދޮރުހުޅުވާލާފައި ގޮނޑީގައި އިން ޒަހާ ނެރުނެވެ. ޒަހާގެ ހިނިތުންވެފައިވާ މޫނު ފެނި ޖޫދަށް ހީވީ އޭނާގެ ހިތުގައި ފިނި ވައިރޯޅިއެއް ދައުރުވެލިހެންނެވެ. އަބަދުވެސް އޭނާ މަންމަގެ މޫނުމަތިން ދުށުމަށް އެދެނީ އެ ހިނިތުންވުމެވެ.

"ނީލަމްދައްތަވެސް ޖީ އެއްވެސް ކަމެއް ކުރިޔަނުދޭ. އެހެންވެ މިހާރު ދުވަސް ހީވަނީ ވަރަށް ދިގުހެން"" މޭޒު ކައިރީގައި އިށީނދެވުމާއެކު ޖިޔާގެ ޝަކުވާ ފޮށި ހުޅުވިއެވެ. ނީލަމް ހީލައިގެން ބަދިގޭ ދޮރުގައި ލެގިލައިގެން ހުއްޓެވެ. އެގޭގައި ހަފްތާއެއް ވާން ކައިރިވެފައިވާއިރު އަދިވެސް ނީލަމް ގޭތެރެއަށް ނުހޭނެއެވެ. ކުރަން ހުންނަ މަސައްކަތްތައް އޭނާ ކުރަނނީ ދުލުގައި ތަޅު އަޅުވައިގެން ހުރެއެވެ.

"އެއީ ޖީއަށް ރަނގަޅަށް. މިހާރު ޖީ ކިޔެވުމަށް އިތުރު ވަގުތު ހުސްކުރަންވީ. މިއަދު ދޮންބެ ބަލާނަން ޓިއުޝަން ކަންތައް ހަމަޖެއްސޭތޯ" ރޮށި ތައްޓަށް ރިހަ އަޅަމުން ޖޫދު ބުނެލިއެވެ.

"ނީލަމް. ކިހިނެއްވެފަ ތިތަނުގަ ތިހުންނަނީ. އާދޭ ސައިބޯން" ދުރުގައި ހުރި ނީލަމް ފެނުމުން ޒަހާ ވާހަކަދެއްކިއެވެ. އަންނަން ނާންނަން ކަހަލަ ގޮތަކަށް ހުރެފައި ނީލަމް ހިނގައިގަތެވެ.

"އިށީނދޭ. އެންމެން އެއްކޮށް ހުރިހާ ގަޑިއެއްގަވެސް ކާންވާނީ" ޒަހާ ބުނެލިއެވެ.

"އަ...އަޅުގަނޑު"

"ޒަހާއްތައަށް އެނގޭ ނީލަމް ބުނަން ތިއުޅެނީ ކީކޭ ކަން. އެކަމަކު ޒަހާއްތަ ބުނަން މިއުޅޭ އެއްޗެއް ރަނގަޅަށް އަޑުއަހާތި. ނީލަމްއަކީ މިގޭ ނޯކަރެއްނޫން. އެގޮތަށް މިގޭގަ ދިރިއުޅޭ އެއްވެސް މީހަކު މެދު ނުދެކެން. ނީލަމް ބޭނުމިއްޔާ އިތުރަށް ކިޔެވުމުގެ ފުރުސަތުވެސް ދީފާނަން" ނީލަމްގެ މަޑުމައިތިރިކަން ފެނި ޒަހާ ވާހަކަދެއްކިއެވެ.

"ނޫން. އަޅުގަނޑު ކިޔާވަނެ ވަރަކަށް ކިޔަވައިފިން. ދިރިއުޅުމުގަ އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅު ކަންތައް އެއީ. މިހާރު ހުރިހާ ވަގުތެއް އަޅުގަނޑު ހޭދަކުރަން ބޭނުންވަނީ މިގޭތެރޭގަ. މިގެއިން އަޅުގަނޑަށް މަނާކަމެއް ނޯވޭ" ނީލަމް ވާހަކަދެއްކިއެވެ. އޭނާ ޒަހާގެ އާއިލާ އާއި ބައިވެރިވެގެން ސައިބުއިއެވެ. އެހެންނަމަވެސް އޭނާގެ ހަރަކާތްތަކުގައި އެކުލެވިގެންވާ މަޑުމައިތިރިކަމުން އޭނާ ނުކެރިފައި އިންކަން އެނގެއެވެ.

ދަބަސް ކޮނޑުގައި އަޅުވައިގެން ގެއިން ނިކުންނަން ދިޔަ އަންބަރަށް ކޮޓަރިން ނިކުތް ސުމައްޔާ ބަލައިލިއެވެ. އަންބަރަށް ސުމައްޔާ ފެނުނީ ފައިވާން ހަރުގަނޑު ކައިރީގައި ހުއްޓުނު ފަހުންނެވެ. އެހިނދު އޭނާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ.

"ކޮންތާކަށް. ތަންތަނަށް ދާއިރު މިގޭގައި އިބާގެ މައިންބަފައިން ތިބިކަން ހަނދާންނެތުނީތަ؟" ސުމައްޔާ ބުނެލިއެވެ. އެގޮތަށް ނުބުނެ ރީތިވެލައިގެން އަންބަރް ދިޔުމުން ސުމައްޔާ ހުރީ ހިތްހަމަނުޖެހިފައެވެ.

"އެހެންވެގެނެއްނޫން. އަވަހަށް ތަނަކަށް ދާންވެގެން. މަންމަ ކައިރީގައި އަހަންދާން އުޅުނީ" ހެދުނީ ދޮގެއްކަން އެނގޭއިރުވެސް އަންބަރް އޮޅުވާލިއެވެ. ހަމަ އެހާ އަވަހަށް ދުލުކުރީގައި ދެ ދަތްޕިލައިން ފިއްތާލިއެވެ.

"އަހަރެންނަށް އެނގޭ ތިހަދަނީ ކަނޑައެޅިގެން ދޮގެއްކަން. އެހާ މުހިންމު ކޮންތަކަށް ތިދަނީ" ސުމައްޔާ އެހިއެވެ.

"މީ...މީ ދޮންތަ ގުޅާފަ އައިސްބަލާށޭ ބުނީމަ. އަންނާނަމޭ ވަރަށް އަވަހަށް މަންމާ" އަންބަރް ބުނެލިއެވެ. ސުމައްޔާ ބަހެއްނުކިޔާ ހުއްޓާ އަންބަރް ނިކުމެގެން ހިނގައްޖެއެވެ. ސުމައްޔާ އަވަސްވެގަތީ ކޮޓަރިއަށް ވަދެ ފޯނު ހޯދާށެވެ. ކަބަޑުމަތީގައި އޮތް ފޯނު ހިފައިގެން އައިސް އޭނާ އިށީނީ އެނދުގައެވެ. ފަރިތަކަމާއެކު އަލިޝްބާގެ ނަންބަރު ފޯނުގައި ޖަހާފައި ގުޅިއެވެ.

ރިކްޒާއަށް އާދެވުނީ އަންބަރް ބަނދަރުމަތީގައި ހުރި ޖޯލީގައި އިންނަތާ އެތައް އިރެއްވީ ފަހުންނެވެ. ޖެހިގެން ހުރި ޖޯލީގައި އިށިންއިރުވެސް ރިކްޒާއަށް މައިނޭވާ އެޅެއެވެ.

"ފަސްގަޑިބައިވެއްޖެ ދޯ. ސޮރީ މަންމަ ހުއްދަ ނުދީގެން ލަސްވީ" ރިކްޒާ މޭގައި އަތްއަޅައިލަމުން ބުނެލިއެވެ.

"ކީއްކުރަންށޯ އެހާ ވަރުން އަންނަން ބުނީ" ރިކްޒާ އެހިއެވެ.

"ވަރަށް ބޮޑު ކަމަކު. ވާރުއަށް ރިސޯޓަކުން ޖޮބެއް ލިބިގެން އެބައުޅޭ ދާން" އަންބަރް ބުނެލިއެވެ.

"ކޮން ރިސޯޓެއް؟ މާލެ ކައިރި ރިސޯޓެއްތަ؟" ރިކްޒާ އެހިއެވެ.

"ނޭނގެ. ނަމެއް ނުބުނޭ. ރިކް އަހަރެންނަށް ކުޑަ ކަމެއް ކޮށްދޭންވެއްޖެ" ރިކްޒާގެ ކޮނޑުގައި އަތް އަޅުވައިލަމުން އަންބަރް ބުނެލިއެވެ.

"އަވަހަށް ބުނޭ" ރިކްޒާ ބުންޏެވެ.

"ވާރު ފުރުމުގެ ކުރިން މިރަށަށް އެބައާދޭ. އޭނަ ބޭނުން އަހަރެންނާ ބައްދަލުކޮށްލަން. ޕްލީޒް މަށަށް އެކަން ކޮށްދީބަލަ. މަންމަމެންނަށް އެނގުނިއްޔާ އަހަރެން މިސްރަށް ފޮނުވާލާނެ. އަހަރެން ވާރު އާ ގުޅުމެއް އޮތްކަން އެނގުނިއްޔާ ކާފަ އަންނާނެ އަހަރެން ބަލާ" އަންބަރް ވާހަކަދެއްކިއެވެ.

"އަޅެ... ކިހިނެއް ތިކަން ކުރާނީ. މަންމަ ރުއްސުނީ ނުލާހިކު މަސައްކަތުން" ރިކްޒާ އުޒުރުވެރިވިއެވެ.

"ޕްލީޒް..ޕްލީޒް... ރިކް ނޫނީ އަހަރެންނަށް މިކަން ކޮށްދެވޭނެ މީހަކު ނެތް. ޕްލީޒް. އަހަރެން މިހުންނަނީ ވާރު ފެންނާތީ ވަރަށް އެކްސައިޓްވެފަ" އަންބަރް ބުނެލިއެވެ. ރިކްޒާ ހިނދުކޮޅަކު ހިމޭނުން އިނެވެ. ނިޔަފަތި ހަފަމުން ދިޔައިރު އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ކޮންކަހަލަ ހިޔާލެއް ކަމެއް ނޭނގެއެވެ.

"ދެން ބުނެބަލަ އެއްޗެކޭ" ނިޔަފަތި ހަފަން އިން ރިކްޒާ ސިހިގެން ދިޔައީ އަންބަރް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލުމުންނެވެ.

"އޯކޭ. ވިލް ޑޫ ސަމްތިންގ" ރިކްޒާ ބުންޏެވެ. އެވަގުތު އަންބަރް ރިކްޒާގެ ގައިގައި ބައްދާލިއެވެ.

"ހިނގާ ގެއަށް ދާން ދެން. މަންމަ މަށަށް ދިނީ ތިރީސް މިނިޓް" ބުނި ހައެއްޖަހަން ވާއިރަށް ގެއަށް ނުވަނިއްޔާ ހޭއަރުވާލަނަމޭ" ރިކްޒާ ތެދުވަމުން ބުނެލިއެވެ.

"ހިނގާ މަގޭވެސް ތިގެއަށޭ ދާން ޖެހޭނީ. ދޮންތަ ގުޅާފަ ބުނެފި އަންނަން. ޔަގީން މަންމަ ދޮންތައަށް ގުޅީކަން" އަންބަރް ބުނެލިއެވެ.

ފޯވަހި ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ދެކުދިން އެކު ކާރުން ފޭބިއެވެ. އެވަގުތު އެތަނަށް މަޑުކޮށްލި ސައިކަލުން ފޭބި ޖޫދުވެސް ދޮރުން އެތެރެއަށް ވަން ދެ އަންހެންކުދިންނަށް ބަލައިލިއެވެ. ރިކްޒާ ކައިރީގައި އަންބަރް ހުރުމުން ޖޫދު ވިސްނާލިއެވެ. އެއީ ދެރަހްމަތްތެރިން ތާއެވެ. ލިފްޓަށް ފިތާފައި ތިން މީހުން އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޖޫދު ހުރީ ފޯނަށް ބަލަހައްޓައިގެންނެވެ.

"ރިކް. ލިފްޓަށް އަރާފައި ފޯނު ޖީބަށް ލަމުން ރިކްޒާއަށް ޖޫދު ގޮވާލިއެވެ.

"ކިހިނެއްވީ؟" ރިކްޒާ ބުނެލިއެވެ. ޖޫދު ލަދުގަތެވެ. އެކުވެރިއެއް ގާތުގައި ހުއްޓާ އެހާ ހަރުކަށިކަމާއެކު ޖަވާބު ދިނުމުން އިސްޖަހާލިއެވެ. ފަހުން އޭނާ އިތުރަށް ވާހަކައެއް ނުދެއްކިއެވެ. ދެވަނަ ފްލޯއަށް ލިފްޓު ހުއްޓުމާއެކު އަންބަރް ނިކުތެވެ. ފަހަތަށް އެނބުރި ރިކްޒާއަށް ހިނިތުންވުމެއް ދީފައި އޭނާ ހިނގައިގަތެވެ.

އަންބަރް ގެއަށް ވަންކަން އަލިޝްބާއަށް އެނގުނީ ސޯފާގައި ހަތިމު ހިފައިގެން އިން ގަމަރު އަލިޝްބާއަށް ގޮވާލާފައި ބުނުމުންނެވެ. އެވަގުތު ބަދިގެއިން ޖަގަށް ފެން އަޅައިގެން ނިކުތް އަލިޝްބާއަށް ސޯފާ އާއި ދިމާލަށް އަންނަމުން ދިޔަ އަންބަރް ފެނުނެވެ. އަލިޝްބާ ހުރީ މަޣްރިބް ނަމާދަށް ދޮޅި އެޅި ގޮތަށެވެ.

"ތިތަނުގަ މަޑުކުރޭ. މިއަންނަނީ" އަންބަރަށް ބަލައިލާފައި އޭނާގެ ކޮޓާރި އާ ދިމާލަށް ހިނގައިގަނެއްޖެއެވެ. އަންބަރަށް ތުންފަތުގައި ދަތްއެޅުނެވެ. ދޮންތަ ހުރީ ވަރަށް ހިތްހަމަނުޖެހިފައިކަން އޭނާއަށް އެނގުނެވެ. އެހެންނޫންނަމަ އިށީންނަންވެސް ނުބުނެ އެގޮތަށް ނުދިޔައީހެވެ.

"އިބާދައްތަ. އާދޭ އިށީންނަން" ސޯފާ ކައިރީގައި އަންބަރް ކޮޅަށް ހުރުމުން ގަމަރު ބުނެލިއެވެ. އަންބަރް ހީލާފައި އައިސް ވަކިން ހުރި ސޯފާގައި އިށީނެވެ. އަލިޝްބާ ކޮޓަރިން ނިކުތީވެސް ހަމަ އެގަޑީގައެވެ. އޭނާގެ އަތުގައި ފެހި ކުލައިގެ ކަރުދާސް ކޮތަޅެއް އޮތެވެ.

"އިބާ އާދެބަލަ މިކޮޅަށް" އަލިޝްބާ ގޮވާލިއެވެ. އަންބަރް ތެދުވެގެން އަލިޝްބާ އާ ދިމާލަށް ހިނގައިގަތެވެ. އަންބަރް އަރައި ހަމަވުމުގެ ކުރިން އަލިޝްބާ ގޮސް ޝަމްސު ގެ ކޮޓަރީގައި ޓަކިޖެހިއެވެ. ޝަމްސު ދޮރުހުޅުވާލިއިރު އަންބަރާ އަލިޝްބާ ކޮޓަރި ދޮރުމަތީގައި ތިއްބެވެ. ޝަމްސުވެސް ހުރީ ހުދު ކުލައިގެ ނަމާދު ދޮޅީގައެވެ. ލޮލުގައި ނަންބަރު އައިނެއް އޮތްއިރު އަތުގައި ކުޑަ މުސްހަފެއް އޮތެވެ. އަންބަރް ހައިރާންވިއެވެ. އެގޭތެރެއިން އޭނާއަށް ފެނުނު މަންޒަރު ކަމުނުދިޔަ ނަމަވެސް އެއްޗެއް ނުބުނެ ހިމޭނުން ހުއްޓެވެ.

"މަންމާ، އަޅުގަނޑު އިބާކޮއްކޮ ކައިރީގަ ވާހަކައެއް ދައްކާލަންވެގެން މިކޮޓަރީގަ މަޑުކޮށްލިޔަސް" އެތެރެއަށް ވަންނަމުން އަލިޝްބާ ބުނެލިއެވެ.

"އަވަހަށް ވަދޭ" ޝަމްސު ހީލުމަކާއެކު ބުނެލިއެވެ.

"މަންމަ އޯކޭވާނެ މަޑުކޮށްލިޔަސް" މުސްހަފު ހިފައިގެން ޝަމްސު ކޮޓަރިން ނިކުންނަން އުޅުނު ވަގުތު އަލިޝްބާ ބުނެލިއެވެ. އެވަގުތު އަލުން އެނދުގައި ޝަމްސު އިށީނެވެ. އެނދުގެ އަނެއް ފަޅީގައި އަންބަރް ކައިރީގައި އިށީންނަން ބުނެފައި އަލިޝްބާ ވަރަށް ފުން ނަޒަރަކުން ކޮއްކޮއަށް ބަލައިލިއެވެ.

"ކޮންތާކަށް ދިޔައީ؟" ފުރަތަމަވެސް އަލިޝްބާ އެހިއެވެ.

"ރް...ރިކް ރިކް އާ މީޓްކޮށްލަން" އަންބަރް ބުނެލިއެވެ.

"އެވަރުގެ ދޮގެއް މަންމަ ކައިރީގައި ހަދާފަ ހިއެއްނުވޭ އިބާ ތި ދިޔައީ ހަމައެކަނި ރިކް އާ ބައްދަކުކުރަން ހެނެއް. ގޭތެރޭގަ މީގެކުރިންވެސް ތި ދެކުދިން ބައްދަލުކުރޭ. ދެން ކޮންމެހެން ބޭރަށް ދަނީ ކީއްކުރަން؟ ދޮންތަގެ ހިތް ބުނަނީ އިބާ ކޮންމެވެސްކަމެއް ސިއްރު އެބަ ކުރެޔޭ" އަލިޝްބާ ވާހަކަދެއްކިއެވެ. އަންބަރްގެ އުޅުމާމެދު އަލިޝްބާ އިނީ ކަންބޮޑުވެފައެވެ. ކުރިން އެޅި ކަހަލަ ޅަ އެއްޗެއް ކޮއްކޮ އަޅައިފާނެތީ ފިކުރު ބޮޑުވެފައެވެ.

"ހަމަ ތެދެއް މިބުނީ. އިތުރު އެއްވެސް ތަނަކަށް ނުދަން. ބަނދަރުމަތީގައި ރިކް އާ ވާހަކަދައްކަން އިނދެފަ ދެމީހުން އެކުގަ ކާރުގަ ގެއަށް މިއައީ ވެސް" އަންބަރް ބުނެލިއެވެ.

"ދެން މަންމަ ކައިރީގައި އެހައި ބޮޑު ދޮގެއް ހެދީ ކީއްވެ؟" އަލިޝްބާ އެހިއެވެ.

"އެއީ މަންމަ ބޭނުމެއްނޫން އަޅުގަނޑު އެއްވެސް ވަރަކަށް ގެއިން ނިކުންނަން. ދެން އަޅުގަނޑަށްވެސް އަބަދު ގޭގަ ނީނދެވޭނެއްނު" އަންބަރް ބުނެލިއެވެ. އަލިޝްބާ ފުން ނޭވައެއްލިއެވެ. ހިނދުކޮޅަކު އަންބަރްގެ މޫނަށް ބަލަން އިނދެފައި އޭނާ ގެނައި ކޮތަޅު ނަގާފައި އޭގައި ހުރި އެއްޗެހި އަންބަރް އަތަށް ލައި ދިނެވެ.

"މިއީ؟" އަންބަރް އެހިއެވެ.

"ނޭނގުނުތަ ތިއީ ކޯޗެއް ކަމެއް؟" އަލިޝްބާ ބުނެލިއެވެ.

"އުނހު. މިގަޑީގަ މިތަކެތި ދިނީމަ" އަންބަރް ބުނެލިއެވެ.

"ތިއީ ނަމާދުކުރާ އެއްޗެހި. މަޣްރިބް ނަމާދު ނުކޮށެއްނު ތިހެރީ. މިގެއިން ދާންޖެހޭނީ އިޝާވެސް ކޮށްގެން. ތި ތަކެތީގެ ބޭނުން އެންމެ ރަނގަޅަށް ކުރެވޭނަމަ ދުލުން ދޮގެއް ބޭރުކޮށްލުމުގެ ކުރިން އެތަކެއް ފަހަރު ވިސްނާނެ. ކިތަންމެ ކުޑަ ދޮގަކަސް ބޮޑު ދޮގަކަސް ސަޒާ ދެއްވާނީ އެއްވަރަކަށް. ހެޔޮނުވާނެ ކޮއްކޯ. ތިއުޅުން އިސްލާހުކުރޭ. މާދަމާވެސް އަހަރެމެން ހުރިހާ އެއްޗެއް ދޫކޮށްފައި ދާންޖެހިދާނެ. އަހަރެމެންނަށް މިދުނިޔެއިން ގެންދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ. އެކަމަކު ޒައްރެއްގެ މިންވަރަށްވެސް ހެޔޮ އަމަލެއް ކޮށްފައިވާނަމަ އަހަރެމެންނާއެކު އެ އަމަލެއްވާނެކަން ޔަގީން" އަންބަރްގެ އަތުގައި ފިރުމަމުން އަލިޝްބާ ލޯތްބާއެކު ނަޞޭޙަތްތެރިވަމުން ދިޔައެވެ. އޭނާގެ އަޑުގައިވީ އޯގާތެރިކަމެވެ.

"ދެން ދޮންތާ..... ނަމާދުކުރަމޭ ގޭގަވެސް" އަކުރުތަކާ ފިލިތަކަށް ދަމާލާފައި އަންބަރް ބުނެލިއެވެ.

"އެނގޭ ކުރާކަން. އެކަމަކު ނަމާދަކީ އެއްފަހަރު ކޮށްފަ އަނެއްފަހަރު ނުކޮށް ދޫކޮށްލަންޖެހޭ އެއްޗެއް ނޫން. ނަމާދުކުރާ މީހުންގެ ތެރޭގައި ތިމާގެ ނަން ޝާމިލްވާނީ އެންމެ ކުޑަވެގެން ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ކުރެވޭނަމަ" އަލިޝްބާ ބުނެލިއެވެ.

"އޯކޭއޯކޭ... މި އަރަނީ ނަމާދަށް. އެކަމަކު މި ރޫމަށްތަ؟ ކީއްވެ ދޮންތަ ކޮޓަރިއަށް ނުދާންވީ" އަންބަރް އެހިއެވެ. ލޮލުގެ ކުޑަކޮޅުން އޭނާ ބަލައިލީ އެނދުގެ އަނެއް ފަޅީގައި ގުރުޢާން ކިޔަވަން އިން ޝަމްސުއަށެވެ.

"މިކޮޓަރިވެސް ރަނގަޅުވާނެ. ދޮންތަބެ ބޮލުގަ ރިއްސާތީ ދޮންތަ ކޮޓަރީގަ ޖައްސާލައިގެން އޮތީމަ އިބާ މިކޮޓަރިއަށް ގެނައީ. އިބާ ބޭނުމިއްޔާ ގަމަރުގެ ކޮޓަރީގަވެސް ނަމާދު ކުރެވިދާނެ" އަލިޝްބާ ބުނެލިއެވެ. އަތުގައި އޮތް ފޯނު ދަބަސް ތެރެއަށް ލާފައި އެ އެއްޗެހި އެނދުމަތީގައި ބެހެއްޓުމަށްފަހު އަންބަރް ވަނީ ފާހާނާއަށެވެ. އެމަންޒަރު ބަލަހައްޓައިގެން އަލިޝްބާ އިނެވެ. އަދިވެސް އޭނާގެ މޫނުމަތީގައި ކަންބޮޑުވުމެއް ވިއެވެ. ހުރި ހަމައެކަނި ކޮއްކޮ މަގުން ކައްސާލައިގެން ނުދަނީސް އެ ކޮއްކޮއަށް ހިދާޔަތް ދެއްކެވުމަށް ކާއިނާތުގެ ވެރި ﷲ ގެ ހަޟްރަތުން އޭނާއަށް އެދެވުނެވެ.

ހުޅުވައިގެން އިން މުޞްހަފަށް ނަޒަރު ހުއްޓާލައިގެން އިނަސް ޝަމްސުގެ ދެކަންފަތް ދެވުނީ އަލިޝްބާ ދެއްކި ވާހަކަތަކަށެވެ. އޭނާ ހިތާހިތުން ހެއްދެވިފަރާތަށް ޙަމްދު ކުރިއެވެ. އަލިޝްބާ ފަދަ ތަޤުވާވެރި ދަރިއަކު އޭނާއަށް ދެއްވިކަމަށްޓަކައެވެ. އަލިޝްބާއަކީ އެ އާއިލާ ތެރޭގައި ލެއްވި އަލިގަދަ ވޮށެއް ކަމުގައި އޭނާއަށް ޔަގީންވެއްޖެއެވެ.

މުޅިން އާ ދުވަހެކެވެ. ފަތިސް ނަމާދު ކުރި ގޮތަށް ޖިޔާ ބޭރަށް ނިކުތެވެ. އޭރު ޒަހާގެ ކޮޓަރިން ނީލަމް ނިކުންނަނީއެވެ. ނީލަމް ފެނުމުން ޖިޔާއަށް ހެވުނެވެ. އޭނާ ހިތުން ނިކުތީ ނީލަމްއަށް ވުރެ ކުރިން ބަދިގެއަށް ވަނުމަށެވެ.

"މަންމަ ނިދާފަތަ؟" ނީލަމް އަރާ ހަމަވުމުން ޖިޔާ އެހިއެވެ.

"ނުނިދާ. ނީލަމްދައްތަ މިއައީ ބޭސްދީފަ" ނީލަމް ބުންޏެވެ. ދެކުދިން ހިނގާފައި ގޮސް ބަދިގެއަށް ވަންއިރު ނީލަމް ހުރީ ރޮށި ފިހެން ތައްޔާރުކޮށްފައެވެ.

"ބަންދެއްވީމަ ވަރަށް ފޫހިވޭތަ؟" ނީލަމް އެހިއެވެ. އުނދުން ކައިރީގައި ހުއްޓިފައި އޭނާ ރޮށި ފިހެން ތައްޔާރުވިއެވެ.

"ކުޑަކޮށް ފޫހި. އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވޭނެއްނު" ޖިޔާ ބުނެލިއެވެ. ހީލަމމުން ނީލަމް އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އެމަންޒަރުތައް ބަލަން އިނދެފައި ޖިޔާ ގޮސް ފުރިޖު ކައިރީގައި ހުއްޓުނެވެ.

"ނީލަމްދައްތާ ޖިޔާ މަސްކޮޅާ އެއްޗެހި ކޮށަންތަ؟ ޕްލީޒް ނޫނެކޭ ނުބުނައްޗޭ" ޖިޔާ ބުންޏެވެ. ނީލަމްއަށް ހެވުނެވެ.

"އޯކޭ. އެކަމަކު އޭގެކުރިން ކިރުތައްޓެއް ބޯލަބަލަ" ނީލަމް ބުންޏެވެ.

ޝަމްސު ޒަހާއަށް ތައްޔާރުކުރި ބަނބުކެޔޮ ބޮނޑިބަތްކޮޅު ހިފައިގެން އަލިޝްބާ އެބަޔަށް ދިޔައިރު އެޕާޓްމަންޓް ދޮރު ހުރީ ހުޅުވާފައެވެ. ޓީވީ ރެކް މަތި ސާފުކުރަން ނީލަމް ހުއްޓެވެ. އޭނާ ވަކި ހިސާބަކަށް ވަންތަނާ ފެނުނު މަންޒަރަކުން އެދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ފިރިހެން ދަރިއަކު މަޔަކަށް އަތުން ލަވައިގެން ކާންދެމުން ދިޔަ މަންޒަރު ފެނުމުން އޭނާއަށް ވީ ދެލޮލަށް ފިނިކަން ގެނުވި މަންޒަރަކަށެވެ. މީގެކުރިން ދުވަހަކުވެސް އެފަދަ މަންޒަރެއް އޭނާ ނުދެކެއެވެ. އޭނާގެ ހިތާ ސިކުނޑިއަށް ހިޔާލެއް ވެރިވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހިނދު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ދެލޮލުން ވިދުމެއް ފާޅުވެލިއެވެ. ހެއްދެވިފަރާތުން އޭނާ ހުއްޓުމެއް ނެތި އެދެމުން ދިޔަ އެދުންތައް ހާސިލްވާން އުޅޭ ކަމުގެ އިޝާރާތެއްވިހެން ހީވިއެވެ.

(ނުނިމޭ)