ދައުލަތުން ފޯރުކޮށްދޭ ރަސްމީގެކޮޅުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި އެޕާޓްމަންޓް ކޮމްޕެލްކްސް އިން އެޕާޓްމަންޓެއް ވަގުތީ ގޮތުން ހަމަޖެއްސުމަށް ނިންމައިފިއެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރަށް ރެހެންދި ފްލެޓްގެ އެޕާޓްމަންޓެއް ހަމަޖައްސައި، އެ ދެބޭފުޅުން ބަދަލުވުމުގެ ކުރިން ކުރަން ޖެހޭ މަރާމާތުތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެ ދެ ތަނުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރެވެމުންދާ ކަމަށާއި އެކަންކަން ނިމުމުން އެ ދެ ބޭފުޅުން އެ ދެ ތަނަށް ބަދަލު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހުއެވެ. މިހާތަނަށް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ދިޔައީ އަމިއްލަ ގެކޮޅުގައެވެ.
އެ ދެބޭފުޅުން ކުރެ ކޮންމެ ބޭފުޅަކަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ހިމެނި ނަމަވެސް، ގެއެއްގެ ބަދަލުގައި ހަމަޖައްސަން ޖެހޭނީ ރަސްމީ ތަނެއް ކަަމަށް، ބިލު ދިރާސާ ކުރި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ އިސްލާހެއް ގެނެސްފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ބުނަނީ އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެން ވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.
ނަމަވެސް ކޮމިޓީން ގެނައި އިސްލާހު ތަކާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ތަނަކާއި އެ ތަނަށް ބޭނުން ވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުވެސް ހަމަ އެގޮތަށް ކޮމިޓީން ވަނީ ބަދަލު ކޮށްފައެވެ.
އޭގެ އިތުރުން އެތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ތަނެއް ކަމުގައި ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ވާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ކަމަށާއި އޭގެ ތެރެއިން މަޖިލިސް ރައީސަށް ހަމަޖައްސާ ތަނަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށާއި، އުއްތަމަ ފަނޑިޔާރަށް ހަމަަޖައްސާ ތަނަށް ބޭނުން ވާ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އާއިލާ ކަަމަށް ބުނެ ފައި ވަނީ އެ ބޭފުޅަކާ އެކުގައި ދިރިއުޅުއްވާ އަނބި ކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނާއި، 18 އަހަރު ފުރިފަިވީ ނަމަވެސް ކައިވެންޏެއް ނުކޮށް ތިބޭ ދަރީންނާއި، އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މަންމާ ފުޅާއި ބައްޕާ ފުޅެވެ.
ޚަބަރު
ޚަބަރު
ޚަބަރު