މޮނީޓަރިންގެ ހާލަތަށް ލާފައިވަނިކޮށް ތ. ކިނބިދޫގައި ފޯރިއާއެކު އީދު ފާހަގަކުރަން ފަށައިފިއެވެ.
ތުއްތު ކުއްޖެއް ޕޮޒިޓިވްވެ، ކިނބިދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ކިނބިދޫ ބަނދަރު ސަރަހައްދުގައި މިހާރު ދަނީ ގިނަ ބަޔަކު އެއްވެ އީދު ކުޅިވަރުތައް ކުޅެމުންނެެވެ. އެގޮތުން ސަގާފީ ނެށުންތައް ކުރިއަށްދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެރަށުގައި ކުޅިވަރުތައް ކުޅޭ މަންޒަރު އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ "ވާން ޖަމިއްޔާ"ގެ ފޭސްބުކް ޕޭޖުން ދަނީ ލައިވްކުރަމުންނެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، މޮނީޓަރިންގައި އޮތް ރަށެއްގައި އީދު ކުޅިވަރުތައްވެސް އަދި ގިނަ ބަޔަކު އެއްވެ ކުޅޭ އެއްވެސް ކުޅިވަރެއް ނުވަތަ ހަފުލާއެއްވެސް ނުބޭއްވޭނެ ކަމަށާއި މޮނިޓަރިންގެ އުސޫލުތަކަށް އެންމެންވެސް ތަބާވާން ޖެހޭނެ ކަމަށެވެ.
ކިނބިދޫގައި އީދު ފާހަގަކުރަމުންދާއިރު އެކަމާ ގުޅިގެން އެރަށު ކައުންސިލުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން ކާމިޔާބުވާ ގޮތް ނުވެފައެވެ.
އެޗްޕީއޭގެ ކިނބިދޫ ފޯކަލް ޕޮއިންޓަށް "ވަން" އިން ގުޅާލުމުން ވަނީ އެރަށުގައި އީދު ހަރަކާތްތައް ކުރިއަަށްދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލާ މަޝްވަރާކޮށްފައި ނޫނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ބުނެ ފޯނު ވަނީ ކަނޑާލައިފައެވެ.
ޚަބަރު
ޚަބަރު