ބޮޑު އީދަކީ ރާއްޖޭގެ ރަށްތަކުން ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އީދެކެވެ. ހުރިހާ ރަށަކުން ވެސް ރައްޔިތުންގެ ބައިވެރިވުމާއެކު ތަފާތު ގޮތްގޮތަށް މި އީދު ފާހަގަކުރަމުންދެއެވެ. ހާއްސަކޮށް އެ ރަށެއްގެ ސަގާފީ ކުޅިވަރުތަކުން ކުދިބޮޑު އެންމެންގެ ބައިވެރިވުމާއެކު ބޮޑު އީދު ފާހަގަކުރެއެވެ.

އެގޮތަށް ޅ. ކުރެންދޫއަކީ ވެސް ޒަމާނުއްސުރެ ތަފާތު ކަންތައްތައް ހިމަނައިގެން އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. އަލްހާ އީދާ ދިމާކޮށް ސަގާފީ އީދު ކުޅިވަރުތަކާއި ކުޅިވަރު ހަރަކާތްތައް އެ ރަށުގައި ވެސް ކުރިއަށްގެންދެއެވެ. މިފަހަރުގެ އީދުގައި ކުރެންދޫން އެންމެ ފާހަގަކޮށްލެވުނީ އެ ރަށު ކައުންސިލުން ރައްޔިތުންނަށް ކިޔާފައިވާ އީދުގެ ތަހުނިޔާއެވެ.

ކުރެންދޫ ކައުންސިލުގެ ފަރާތުން އެ ރަށުގެ ރައްޔިތުންނަށް އީދުގެ ތަހުނިޔާ މެސެޖު ފޮނުވާފައިވަނީ ހާއްސަ ވީޑިއޯ ލަވަޔަކުންނެވެ. އެ ލަވައިން ކައުންސިލުގެ ރައީސް އިބްރާހިމް ޝިމާއު އާއި ކައުންސިލު މެންބަރުން ނައްޓަވާ މަންޒަރު ފެނެއެވެ.

ކުރެންދޫ ކައުންސިލުގެ ރައީސް ޝިމާއު "ވަން"އަށް ވިދާޅުވީ، އެ ލަވަޔަކީ ކުރެންދޫގެ ރައްޔިތުންނަށް ދިން އީދުގެ ހަދިޔާއެއް ކަމަށާއި އެ ލަވަޔަކީ ކައުންސިލުގެ މެންބަރުންނާއި ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު ހެދި ލަވައެއް ކަމަށެވެ. އަދި އެ ލަވައިގެ ލިރިކްސް ވެސް ހަދާފައިވަނީ ކައުންސިލުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރެންދޫއަކީ އަބަދުވެސް ވަރަށް އެކުވެރި ރައްޔިތުންތަކެއް އުޅޭ ރަށެއް. އެއްބައިވަންތަކަމުގެ ފުރިހަމަ ނަމޫނާ ދައްކާ ރައްޔިތުން އުޅޭ ރަށެއް. މި އީދަކީ ވެސް އާއިލީ ގުޅުންތައް ބަދަހިކޮށް، ރަށުގެ އެއްބައިވަންތަކަން ދައްކައިދޭނެ އީދެއް،" ޝިމާއު ވިދާޅުވިއެވެ.

ކުރެންދޫ ކައުންސިލުގެ އީދު ތަހުނިޔާ ވީޑިއޯ ލަވަ: https://www.facebook.com/kurendhoocouncil/videos/1171225396692651

ކުރެންދޫ ކައުންސިލުގެ އެ ވީޑިއޯ ލަވަ، މިހާތަނަށް 16000 އަށްވުރެ ގިނަ މީހުން ވަނީ ބަލައިފައެވެ. ކުރެންދޫ ކައުންސިލުގެ އެ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނަ އިރު، ގިނަ މީހުން ފާހަގަކުރާ ގޮތުގައި އެއީ ވަރަށް ތަފާތު އީދު ތަހުނިޔާއެކެވެ.

ކުރެންދޫގައި މިއަދު ވަނީ އީދު ކުޅިވަރުތައް ވެސް ފަށައިފައެވެ. އެގޮތުން ކުޑަކުދިން ހިމެނޭ ގޮތަށް މިއަދު ގިނަ ބަޔަކު ވަނީ ފެނާއި ކުލަ ޖެހުމުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

އެ ހަރަކާތްތަކާ ގުޅޭގޮތުން ކުރެންދޫ ކައުންސިލް މެންބަރު ވަފިއްޔާ މުހައްމަދު "ވަން"އަށް ވިދާޅުވީ ބޮޑެތި ހަރަކާތްތައް ފެށިގެންދާނީ މާދަމާ ކަމަށާއި އެގޮތުން އެ ރަށުގެ ދެ އަވަށުގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

"އީދު ފާހަގަކުރުމަށް ރަށުގެ އުތުރު އަވަށާއި ދެކުނު އަވަށުގައި ކުޅިވަރު ހަރަކާތްތައް މާދަމާ ފެށޭނެ. އެގޮތުން މިއުޒިކަލް ޗެއާ ފަދަ މަޖާ ހަރަކާތްތައް ވަނީ ރޭވިފައި. ދެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަށް އޮތީ،" އޭނާ ވިދާޅުވިއެވެ.

ވަފިއްޔާ އިތުރަށް ވިދާޅުވީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތްތަކަށް އަބަދުވެސް ކައުންސިލުގެ އެހީތެރިކަން ލިބޭނެ ކަމަށާއި އެގޮތުން މިހާރު ކުރިއަށްދާ ހުރިހާ ހަރަކާތްތަކުގައި ވެސް ކައުންސިލުގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.

އެ ހަރަކާތްތަކުގެ އިތުރުން ކުރެންދޫގައި މިއަދު ވަނީ ފުޓްސަލް މުބާރާތެއް ވެސް ފަށައިފައެވެ. ކުރެންދޫ ޔޫތު މޫވްމަންޓް (ކޭވައިއެމް) އިން އިންތިޒާމުކޮށްގެން ކުރެންދޫ ރަސްމީ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ އެ މުބާރާތް މިމަހުގެ 27ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެ މުބާރާތުގައި ފިރިހެން ނުވަ ޓީމަކާއި އަންހެން ތިން ޓީމެއް ވާދަކުރެއެވެ. ފިރިހެން ޑިވިޝަން ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ އިރު، އަންހެން ޑިވިޝަން ކުރިއަށްދަނީ ލީގު އުސޫލުންނެވެ. މުބާރާތުގެ ފިރިހެން އަދި އަންހެން ޗެމްޕިއަނުންނަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. އޭގެ އިތުރުން ފިރިހެން އަދި އަންހެން ރަނަރަޕުންނަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

ކޭވައިއެމްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ އެ މުބާރާތަކީ ކޭވައިއެމް ވުޖޫދަށް އައި ފަހުން ބޭއްވޭ ފުރަތަމަ މުބާރާތް ކަމަށާއި ފުޓުބޯޅަ ދިރިވައި އާލާކޮށް، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އަންނަ އަހަރު ވެސް މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިއަދު ފެށި މުބާރާތަށް ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމާއި ކުރެންދޫ ކައުންސިލް އަދި ކުރެންދޫ ޔޫތު އެސޯސިއޭޝަނުން ދެމުން އަންނަ އެހީތެރިކަމަށް އިބްރާހިމް މުހައްމަދު ވަނީ ޝުކުރު ދަންނަވައިފައެވެ. އަދި މުބާރާތް ކުރިއަށްގެންދަނީ ކޮވިޑުގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށާއި އެކަންކަން ކޭވައިއެމް އިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.