ހޮސްޕިޓަލުތަކުގައި ކޮވިޑަށް ފަރުވާދޭ މީހުން އަދަދު ބޮޑުތަނުން ދަށަށް ގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ހޮސްޕިޓަލުތަކުގައި ކޮވިޑަށް ފަރުވާދެމުން އަންނަނީ އަށް މީހަކަށެވެ.

މިއީ މިއަހަރުގެ ތެރޭ އެ އަދަދު މިހާ ބޮޑުތަނުން ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މިއަހަރުގެ މެއި މަހަކީ ހޮސްޕިޓަލުތަކުގައި ކޮވިޑަށް ފަރުވާދޭ މީހުންގެ އަދަދު އެންމެ މައްޗަށް ދިޔަ މަހެވެ. މެއި މަހު އެ އަދަދު 300 އާ ގާތުގައި އުޅުނު އިރު، މިދިޔަ ޖޫން މަހު 200 އިން ދަށަށް ވެއްޓުނެވެ. އަދި މިމަހު ފެށުނު އިރު، އެ އަދަދު އުޅުނީ 24 ގައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ދެރަވާ މީހުންނަށް މާލޭގައި ފަރުވާދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އޭގެ އިތުރުން އަދަދުތައް އިތުރުވުމާ ގުޅިގެން ދާދި ފަހުން ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މީހުން އެޑްމިޓްކުރުމަށް ތަނެއް ވަނީ ހާއްސަކޮށްފައެވެ.

އަތޮޅުތެރޭގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ދެރަވާ މީހުންނަށް ފަރުވާދިނުމަށް ރީޖަނަލް ކޮވިޑް ފެސިލިޓީތަކެއް ވަނީ ގާއިމުކޮށްފައެވެ. އެތަންތަނުން ފަރުވާދޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުން އިތުރު ފަރުވާއަށް މާލެ ގެނެއެވެ.

ހޮސްޕިޓަލުތަކުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދާއެކު މިމަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވެސް ދަށަށް ގޮސްފައެވެ. މިއަދު 169 މީހުން ޕޮޒިޓިވްވެ، ޖުމުލަ އަދަދު ވަނީ 76،188 އަށް އަރައިފައެވެ. މިއަދު ޕޮޒިޓިވްވީ 169 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން 24 މީހަކާއި އަތޮޅުތެރެއިން 127 މީހަކާއި ރިސޯޓުތަކުން 15 މީހަކާއި ސަފާރީތަކުން ތިން މީހެކެވެ.