ބޮޑު އީދުގެ ހަރަކާތްތައް ބޭއްވި ނަމަވެސް ކޮވިޑުގެ އިތުރު ރާޅެއް ނާންނަ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަނެއްކާވެސް ހަނދާންކޮށްދީފިއެވެ.

އީދު ބަންދާއި މިނިވަން ދުވަހުގެ ބަންދާ ގުޅިގެން ޖުމުލަ 16 ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބުމުން ގިނަ ބަޔަކު ވަނީ އަތޮޅުތެރޭގެ އެކި ރަށްރަށަށް އީދު ފާހަގަކުރުމަށް ގޮސްފައެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ފާހަގަކުރާ އީދާ ގުޅިގެން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށާއި ކޮވިޑުގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް ފިޔަވަޅުތަކަށް ކަމޭ ހިތަން ޖެހޭނެ ކަމަށެވެ.

އެގޮތުން ދަތުރުމަތީގައި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ ދެމެދު މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުމާއި، ތިމާ ދިރިއުޅޭ އާއިލާގެ މީހުންނާއެކު އެކަނި އީދުގެ ކެއުން ބޭއްވުމާއި، ގިނަ މީހުން ބައިވެރިވެގެން ބާއްވާ އީދު ކުޅިވަރުތަކާއި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އީދާ ދިމާކޮށް އެޗްޕީއޭއިން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ވެކްސިން ފުރިހަމަކުރާތާ 14 ދުވަސްވެފައި ތިބި މީހުންނާއި ކޮވިޑު ޖެހުމަށް ފަހު ރަނގަޅުވިތާ ދެ މަސް ނުވާ މީހުންނަށް ކަރަންޓީނަކާ ނުލައި ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.