މިއަދު މިވަނީ އެމީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމް ދީނަށްޓަކައި ގުރުބާން ވާން ކެރޭ މީހުންނަށް ބޭނުންވެފައި ކަމަށާއި އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ބޭނުންވެފައިވާ ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ އަލްހާ އީދު ހުތުބާގައި ބުނީ މިއަދު ފެންނަމުން ދަނީ ފާޅުގައި އިސްލާމްދީނަށާއި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތަމުންދާ ތަނާއިި ނަބިއްޔާއަށް ފުރައްސާރަކޮށް، މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަ ތަން ކަމަށެވެ. އަދި އެތަންތަން ފޭރިގަނެ، އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ކަނޑަމުންދާ ތަން ވެސް ފެންނަ ކަމަށް ބުނެފައިވެއެވެ.

"މިއަދު މުސްލިމް އިލްމުވެރިންގެ ގަދަރު ދަނީ ވައްޓައިލަމުންނެވެ. އިސްލާމީ ޔުނިވަސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. އިސްލާމް ދީން، މިވަނީ އެ ދީނުގެ ވަތަނުގައި ބީރައްޓެހި ކޮށްފައެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ އަޑުއުފުލަމުންނެވެ. މުސްލިމުންގެ ހައްގުތަކަށް ދަނީ އަރައިގަންނަމުންނެވެ. މިއަދު މިވަނީ އެމީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމް ދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް ބޭނުންވެފައެވެ. އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ވަނީ ބޭނުންވެފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މިއަދަކީ ގުރުބާނީގެ ދުވަސް ކަމަށާއި މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވި އިބްރާހީމުގެފާނާއި، ލޮބުވެތި ދަރިކަލުން އިސްމާއީލުގެފާނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނުން ފާސްވެވަޑައިގަތުމުން، މާތް ﷲ އެ ދެބަފައިކަލުންނަށް ތައުރީފުގެ ބަސް ވަހީކުރެއްވި ދުވަސް ކަމަށެވެ.

"އިބްރާހީމުގެފާނުގެ އަދުއްވުން އުޅުނީ އެކަލޭގެފާނު ދެރަކޮށް، ނިކަމެތިކޮށްލެވޭތޯއެވެ. އެކަމަކު މާތް ﷲ އެބައިމީހުން އެންމެ ނިކަމެތީންގެ ތެރޭގައި ލެއްވިއެވެ. އިބްރާހީމުގެފާނު މި އިމްތިހާނުން ފާސްވެވަޑައިގަތުމުން މާތް ﷲ އެކަލޭގެފާނަށް މަތިވެރި ނިއުމަތްތަކެއް ދެއްވިއެވެ. އިސްމާއީލުގެފާނުގެ ބަދަލުގައި ގުރުބާން ކުރައްވާނެ ކަންބަޅިއެއް ފޮނުއްވެވިއެވެ. އެކަލޭގެފާނުގެ މައްޗަށް ސަލާމް ލައްވައި، އެކަލޭގެފާނުގެ ޒިކުރާ، އާހިރަތާ ހަމައަށް ލެހެއްޓެވިއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި މާތް ﷲ އަށް ކިޔަމަންގަތުމަށް ފަހު، މައިންބަފައިންގެ ބަސް އަހަން ޖެހޭނެކަމުގެ ހެޔޮ މިސާލު ކަމަށެވެ. އަދި އިސްލާމީ އުއްމަތަށް މިއަދު މިވަނީ މި ހާދިސާއިން އިބުރަތް ހާސިލުކުރަން ޖެހިފައި ކަމަށް ވެސް ބުނެފައިވެއެވެ.