ހިޔާލުފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުގެ ކެބިނެޓުގެ ވަޒީރުންނަށްވެސް ނެތް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ރޭ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމަށްފަހު މަލީހު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ކުރި މަސައްކަތް ޕީޕީއެމް ސަރުކާރުގެ އެއްމަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ ކަމަށާއި ފެނިގެން ދަނީ ރައީސް ސޯލިހަށް ގައުމު ހިންގަން ނޭނގޭ މަންޒަރު ކަމަށެވެ.
"އިގުތިސޯދަށް ބަލާއިރު ފެންނަމުން މިދަނީ ބަޖެޓް ޑެފިސިޓްވަމުންދާތަން. އެއްވެސް ކަހަލަ ތަރައްގީއެއް، ޕްރޮޖެކްޓެއް ހިންގިފައި ނުވާކަން ފާއިތުވި ދެތިން އަހަރުގެ ތެރޭގައި. އަޅުގަނޑުމެން ކުރު ގޮތަކަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ޕީޕީއެމް 2013 ވަނަ އަހަރު ފުރަތަމަ އެއްމަސް ދުވަހު ކުރި މަސައްކަތް އެމްޑީޕީގެ ތިން އަހަރު ކުރެވިފައި ނުވާކަން،" މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ އެންމެ ގަދައަށް ޑިމޮކްރަސީގެ ވާހަކަ ދެއްކީ މި ސަރުކާރުން ކަމަށާއި ނަމަވެސް ފެނިގެންދާ މަންޒަރަކީ ޑިމޮކްރަސީއާ ދިމާ އިދިކޮޅަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަޒީރުންނަށްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
"ޕީޕީއެމްގެ ސަރުކާރެއްގައި އަޅުގަނޑުމެން ކައިރިއަކު ނުބުނޭ ދައްކަން ޖެހޭ ވާހަކައާ ދައްކަން ނުޖެހޭ ވާހަކައެއް. މިއަދު މި ސަރުކާރުން، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނިގެން މިދަނީ މީޑިއާއަށް ކަނޑައެޅިގެން ހުރަސް އަޅާ މަންޒަރު. ހިޔާލުފާޅުކުރުމުގެ މިނިވަންކަން މިހާރުގެ ވަޒީރުންގެ މަޖިލީހުގައިވެސް ނެތް،" މަލީހު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފުރަތަމަ ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މަލީހް ޖަމާލް އެ މަގާމުން ވަކިކުރީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އޭގެ ފަހުން، މާޗު 10 ވަނަ ދުވަހު މަލީހު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު