އައްޑޫ ސިޓީ އާންމު ހާލަތަށް ގެނައުމާއެކު، މޮނީޓަރިންގައި އޮތް ރަށްތަކުގެ އަދަދު 14 އަށް ދަށްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫގެ މޮނީޓަރިންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެ ސިޓީ އާންމު ހާލަތަށް ގެނެސްފައި މިވަނީ ތިން މަސް ފަހުންނެވެ.
މިވަގުތު މޮނިޓަރިންގައި އޮތް 14 ރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު ބަންދުގައި އޮތީ ގދ. ތިނަދޫއެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. އެހެންކަމުން އެ ރަށް މޮނިޓަރިންގައި އޮންނަތާ މިހާރު މިވަނީ ދެ މަހަށްވުރެ ގިނަ ދުވަސް ވެފައެވެ.
އިއްޔެ ވެސް ތިނަދޫން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 891 އަށް އަރައިފައެވެ. އަދި މިވަގުތު އެކަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އެކްޓިވް ކޭސްގެ ގޮތުގައި 96 މީހަކު އެބަތިއްބެވެ. އެ ރަށުގައި ކޮވިޑް ބަލީގައި ދެ މީހަކު ވަނީ މަރުވެސް ވެފައެވެ.
މިދިޔަ މެއި މަހުގައި ދެން މޮނިޓަރިންއަށް ލާފައިވާ ފ. ފީއަލި، ފުވައްމުލައް ސިޓީ، ގއ. ވިލިނގިލި، އއ. ތޮއްޑޫ އަދި ރ. ދުވާފަރު ވެސް އަދިވެސް އާންމު ހާލަތަށް ގެނެސްފައެއް ނުވެއެވެ.
މިދިޔަ މަހު މޮނިޓަރިންއަށް ގެނައި ރަށްތަކުގެ ތެރެއިން އަދިވެސް މޮނިޓަރިންގައި އޮތީ ގއ. ކޮނޑޭ އާއި ހއ. ދިއްދޫގެ އިތުރުން ރ، މީދޫއެވެ.
މި މަހު ވަނީ ފަސް ރަށެއް މޮނިޓަރިންއަށް ލައިފައެވެ. އެއީ ކ. ގުރައިދޫ އާއި ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާގެ އިތުރުން ކ. ކާށިދޫ އަދި އއ. ރަސްދޫއެވެ.
މި ފަހުން މާލެއާއެކު އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ވެސް ކޮވިޑްގެ ކޭސްތަކެއް ފެނި، ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލާން ޖެހުނެވެ. އެހެން ނަމަވެސް މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ހަރުކަށި ފިޔަވަޅުތަކަށް ފަހު މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަރަށް ބޮޑަށް ދަށް ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު