ކުރިއަށްއޮތް ދެ ދުވަހު ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ބަންދުކުރާ ދެ ދުވަހުގެ ތެރެއިން މާދަމާއަކީ ހައްޖު ދުވަހެވެ. އަދި ޖެހިގެން އަންނަ އަންގާރަ ދުވަހަކީ މިއަހަރުގެ އަލްހާ އީދު ދުވަހެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މިމަހުގެ 19 އަދި 20 ވަނަ ދުވަހު މާލޭ ސަރަހައްދުގެ ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ބަންދުވާނެ ކަމަށާއި ނަމަވެސް ކޮންޓެކްޓުންނާއި ކަރަންޓީނުގައި ތިބި މީހުންގެ ސާމްޕަލްތައް އެ ދުވަސްތަކުގައި އާރްއާރްޓީ އިން ނަގަމުންދާނެ ކަމަށެވެ.

އީދު ބަންދާ ދިމާކޮށް އެޗްޕީއޭ އިން ވަނީ ވެކްސިން ޖެހުން ވެސް މެދުކަނޑާލައިފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އީދު ބަންދު ނިމެންދެން ވެކްސިން ޖެހުން މެދުކަނޑާލާފައިވެއެވެ.

އީދު ބަންދަށް ވެކްސިން ޖެހުން މެދުކަނޑާލި އިރު، ވެކްސިން ޖަހަން ޖެހޭ އާބާދީގެ 50 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ ޑޯޒްތައް ވަނީ ފުރިހަމަކޮށްފައެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން 255،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހައިފައެވެ.