ހދ. ހަނިމާދޫގައި ތަރައްގީކުރާ ބައިނަލްއަގުވާމީ އެއާޕޯޓުގެ މިލްކުވެރިކަން އޮންނާނީ ދިވެހި ސަރުކާރަށް ކަމަށާއި އެތާނގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ ހަނިމާދޫ އެއާޕޯޓުގެ ބިމާ ބެހޭގޮތުން، ހަނިމާދޫ ރައްޔިތުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހަނިމާދޫގައި ހުންނަ ބެއަފޫޓް ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމުގެ މަންފާ މުޅި ބޮޑު ތިލަދުންމައްޗަށް ކުރާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓާ ގުޅިގެން އެކިފަރާތްތަކުން ފާޅުކުރަމުންގެންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމަށެވެ. އެތަނުގައި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރާނެ ކަމަށާއި އަދި ކުރިއަށް އަންނަ ސަރުކާރުތަކުންވެސް އެފަދަކަމެއް ކުރާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ހިންގަން ރާވާފައިވާ ޕްރޮޖެކްޓެކެވެ.