ކަރަންޓުގެ އެއް ވިއުގައަކުން މާލެ އާއި ހުޅުމާލެ ގުޅާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ، މާލެއާއި ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާއެކު ސިންކްރޮނައިޒް ކުރެވިފައި ކަމަށެވެ. އެހެންކަމުން މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ބުންޏެވެ.

ސްޓެލްކޯއިން ބުނީ، ގްރޭޓާ މާލެ ގްރިޑާއެކު ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް ގިރާކޮށްފައިވާ ކަމަށާއި ގްރިޑާއެކު އެކުންފުނިން ދެމުންގެން އަންނަ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެ ކަމަށެވެ.

"ކޮވިޑުގެ ދަތި ހާލަތުގައިވެސް މަސައްކަތަށް ހުއްޓުމެއް ނައިސް މި މަސައްކަތް ކާމިޔާބުކަމާއެކު، ނިންމައިލުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ މި ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ސްޓެލްކޯއިން ބުންޏެވެ.

ގްރޭޓާ މާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ އިއްޔެއެވެ. އެ މަސައްކަތުގެ ދަށުން އިއްޔެ ވަނީ ފުރަތަމަ ސާކިޓް އެނާޖައިޒް ކޮށްފައެވެ.

ހަތަރު ދުވަހަށް ތާވަލުކޮށްގެން ގްރޭޓާ މާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން އިއްޔެ ފެށިއިރު އެ މަސައްކަތް މިއަދާއި

މިމަހުގެ 21 އަދި 22 ވަނަ ދުވަހު ވެސް ކުރާނެއެވެ.

ގްރޭޓާ މާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ ބުދަ ދުވަހުއެވެ. އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އާ ދެމެދު މަސައްކަތް ކުރިއަށްދާ އިރު، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

އެ މަސައްކަތުގެ ފަހު ދުވަހު ކުރިއަށް ދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ. އެއީ ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަން މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅައިލެވޭ މަޝްރޫއެވެ.

އެ މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމުލަ ހަތަރު ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލުކަން ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ދުވަހު ކަރަންޓު ކެނޑުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.