ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ގެސްޓްހައުސްތައް ހިންގަން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ގޭމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވުމާއެކު އެ ސަރަހައްދުން ފަތުރުވެރިން އައުން މަނާކޮށްފައި ބޭއްވުމަށްފަހު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވަނިކޮށް، އޭގެ ކުރިން އެ ސަރަހައްދުގެ ފަތުރުވެރިންތަކަކަށް މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސްތަކަކުން ހިދުމަތް ދިން ކަން ހާމަވެފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ އިންސްޕެކްޝަންގައި ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ގަވައިދާ ހިލާފަށް ހިދުމަތްދެމުންދިޔަ ތިން ގެސްޓްހައުސެއް ފާހަގަވެ، އެ ތިން ތަނުގެ ލައިސެންސް ވަނީ އިއްޔެ ސަސްޕެންޑް ކޮށްފައެވެ. އެ ތިން ގެސްޓްހައުސަކީވެސް މާލޭ ސަރަހައްދުގައި ހުރި ތަންތަނެވެ.

ގަވައިދާ ހިލާފުވި ގެސްޓްހައުސްތަކަށް ފިޔަވަޅު އެޅުމުން އެކަމަށް މަރުހަބާ ކިޔައި ގޭމް އިން ބުނީ، ގެސްޓްހައުސްތަކުން އަމަލުކުރި ގޮތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އަދި މި ދަނޑިވަޅުގައި ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެނައުމުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކޮށްގެން މެނުވީ ކޮވިޑް 19ގެ ހާލަތުން އަރައި ނުގަނެވޭނެ ކަމަށް މި އެސޯސިއޭޝަން އިން ދެކެމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެއްވެސް ގެސްޓްހައުސްއަކުން ގެސްޓުން ގެނެސް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ނެތް ތަންތަނުގައި ފަތުރުވެރިން ނުބޭތިއްބުމަށްވެސް ނަސޭހަތްތެރިވަމެވެ..،" ގޭމް އިން ބުންޏެވެ.

ހުރިހާ ގެސްޓްހައުސްތަކުން ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ގޭމްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގެސްޓްހައުސްތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށްވެސް ގޭމް އިން އިލްތިމާސްކުރިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ގަވައިދާ ހިލާފަށް ހިދުމަތްދިން ތިން ގެސްޓްހައުސެއް ސަސްޕެންޑްކޮށްފައިވާ އިރު، ސައްހަ ނޫން ހޮޓެލް ބުކިންތަކެއް ހިފައިގެން ރާއްޖޭގެ ބޯޑަރުން އެތެރެވާން އުޅުނު 248 ޓޫރިސްޓަކު ވެސް ވަނީ ދާދި ފަހުން ހުއްޓުވައިފައެވެ.