ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ސާކިޓް އެނާޖައިޒް ކޮށްފިއެވެ.
ހަތަރު ދުވަހަށް ތާވަލްކޮށްގެން ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން މިއަދު ވަނީ ފަށާފައެވެ. ސްޓެލްކޯ އިން ބުނީ، އެ މަސައްކަތް ކުރާނީ މިއަދާއި މާދަމާގެ އިތުރުން މިމަހުގެ 21 އަދި 22 ވަނަ ދުވަހު ކަމަށެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެއްވެސް ޓެކްނިކަލް މައްސަލައެއްދިމާނުވެ، ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމަށް ފުރަތަމަ ސާކިޓް މިއަދު އެނާޖައިޒް ކޮށްފައިވާ ކަމަށެވެ. މާދަމާ އޮންނާނީ ހުޅުމާލެ އިންޖީނުގެއާއި، މާލޭ އިންޖީނުގެ ސިންކްރޮނައިޒް ކުރުން ކަމަށްވެސް ބުންޏެވެ.
ގްރޭޓާ މާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ ބުދަ ދުވަހުއެވެ. އެ ދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އާ ދެމެދު މަސައްކަތް ކުރިއަށްދާ އިރު، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
އެ މަސައްކަތުގެ ފަހު ދުވަހު ކުރިއަށް ދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ. އެއީ ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަން މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅައިލެވޭ މަޝްރޫއެވެ.
އެ މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލުކަން ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ދުވަހު ކަރަންޓު ކެނޑުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު