ގައުމީ އެއްބައިވަންތަ ކަމުގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްްކަތުގެ ދަށުން، ޕާޓީ އުފެއްދެވުމުގެ ހުއްދައަށްއެދި، އަބުދުﷲ ކަމާލުއްދީން އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަން (އީސީީ) އަށް ހުށަހަޅުއްވައިފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އަބުދުﷲ ކަމާލުއްދީން މިއަދު ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިދިޔަ ބުރާސްފަތި ދުވަހު އީސީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އަދި އެކަމަށް ހުއްދަ ދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން ޕާޓީ އުފެއްދުމަށްއެދި ހުށަހެޅުއްވުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އޭނާގެ ނަން އޮތްކަމަށްބުނެ އީސީ ވަނީ އެކަމަށް ހުއްދަ ނުދީފައެވެ.

"އަޅުގަނޑަށް އެނގޭ އޭރުވެސް އަޅުގަނޑު އެޕާޓީން ހުރި ވަކިވެފައިކަން އެހެންވެ އެކަމުގެ ހުއްދައަށްއެދި ހުށަހެޅީ، ނަމަވެސް ކޮންމެސް ޕްރޮސީޖާއެއް ފުރިހަމަ ނުވެގެން އެކަން އަލުން އެކަން ބެލީ، ނަމަވެސް މިހާރު އަޅުގަނޑަށް އިލެކްޝަން ކޮމިޝަނުން އެބޮތް ސިޓީއަކުންވެސް އެކަންތައް އަންގައިފަ،" އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެކަމަށް ހުއްދަ ނުދެވިގެން އުޅެނީ ބަންދު ދުވަސްތައް ފެށުމުން ކަމަށް ބެލެވޭކަމަށާއި، ހުއްދަ ދިންހާ އަވަހަކަށް ޕާޓީ އުފެއްދުމުގެ ރަސްމީ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.

ނަމަވެސް ނުރަސްމީކޮށް އެކަމާބެހޭގޮތުން މީހުންނާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށާއި، އާ ސިޔާސީ ޕާޓީއަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

"އާ ފަލްސަފާއަކަށް މީހުން ވަނީ ބޭނުންވެފަ، އެހެންކަމުން އާސިޔާސީ ޕާޓީއެއް އުފެއްދުމަށް ގިނަ ބައެއްގެ ޝައުގުވެރިކަން އެބަހުރި، އަޅުގަނޑު އުފައްދާ ޕާޓީ ވާނީ މުޅިން އާ ފަލަސަފާ އަކަށް،" އަބުދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.