ފަނޑިޔާރުންނަށް ވަކީލުން ނުފޫޒު ފޯރުވާކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެފަދަ އަމަލުތަކުން ދުރުވެތިބުމަށް ނަސޭހަތްތެރިވާ ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

ބާ ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށްދާ މަރުހަލާގައި ވެސް ގާނޫނީ ވަކީލުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ އަމަލުތައް ހިންގަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

"ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި، ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކުން ދުރުވެ ތިބުމަށް، އެންމެހައި ގާނޫނީ ވަކީލުންނަށް ހަނދާންކޮށްދެމެވެ..،" ބަޔާނުގައި ބުނެފައިވެއެވެ.

ބާ ކައުންސިލުން ބުނީ ގާނޫނީ ވަކީލުންނަކީ ކޯޓުތަކަށް އިހުތިރާމު ކުރުމުގައި އަދި އެ ފަރާތްތަކުގެ އާންމު މަސައްކަތާއި ދިރިއުޅުމުގައި ނަމޫނާ ދައްކައި، ކޯޓުތަކުގެ ހުރުމަތާއި ގަދަރަށް އިހުތިރާމުކޮށް، އާންމުން ކޯޓުތަކަށް ކުރާ އިތުބާރު ދަމަހައްޓައި ހިމާޔަތްކުރަން ޖެހޭ ބައެއް ކަމަށެވެ.

"ގާނޫނީ ވަކީލުން އަމަލުކުރަން ޖެހޭ ސުލޫކާ ހިލާފުވެއްޖެ ކަމުގެ މައުލޫމާތެއް ބާ ކައުންސިލަށް ލިބިއްޖެ ނަމަ، ނުވަތަ އެފަދަ ކަމެއް ހިންގާފައިވާ ކަމަށް ބާ ކައުންސިލަށް ފެނިގެން އެ މައްސަލައެއް ބާ ކައުންސިލުގެ އިސްނެގުމުގެ މަތިން ބެލުމުގެ އިހުތިޔާރު މި ކައުންސިލަށް ލިބިފައިވާތީ، މިކަންކަމަށް ގާނޫނީ ވަކީލުން ހާއްސަ ސަމާލުކަމެއް ދެއްވައި، މިފަދަ އަމަލުތަކުން ރައްކާތެރިވެ ތިބުމަށް މި ކައުންސިލުން ނަސޭހަތްތެރިވަމެވެ..،" ބަޔާނުގައި ބުނެފައިވެއެވެ.

ބާ ކައުންސިލުން ބުނީ ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ބައެއް ގާނޫނީ ވަކީލުން މީސް މީޑިއާގައި ފާޅުކުރަމުންދާ ހިޔާލުތަކަކީ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ، އަދި އާންމުން ކޯޓުތަކަށް ކުރާ އިތުބާރަށް އަސަރުކުރާ ފަދަ އަމަލުތަކެއް ކަމުގައިވާތީ، އެ އަމަލުތަކާ މެދު އެ ކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"..އެފަދަ އަމަލުތަކުން ގާނޫނީ ވަކީލުން ދުރުވެތިބުމަށާއި، ގާނޫނީ ވަކީލުން މީސްމީޑިއާގައި ހަރަކާތްތެރިވާ އިރު، ގާނޫނީ ފަންނާއި އާންމު ސުލޫކީ މިންގަނޑު ހިފަހައްޓައި، ފަނޑިޔާރުންނާއި ކޯޓުތަކުގެ ހުރުމަތާއި ގަދަރަށް އިހުތިރާމުކުރުމަށް މި ކައުންސިލުން ތަކުރާރުކޮށް އިލްތިމާސްކުރަމެވެ..،" ބާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބާ ކައުންސިލުގެ އެ ބަޔާނާ ގުޅިގެން ބައެއް ވަކީލުން ވަނީ އެ ކައުންސިލަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. ވަކީލުންނަށް ވެސް ހިޔާލުފާޅުކުރެވޭނެ ކަމަށާއި އެ ހައްގު ބާ ކައުންސިލަށް ވެސް ނުހިފެހެއްޓޭނެ ކަމަށް ބައެއް ވަކީލުން ބުނެއެވެ.