ޕާކިންއާ ގުޅިގެން ޖޫރިމަނާ ކުރަންވާނީ އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ފަހިކޮށްދިނުމަށްފަހުގައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެހިކަލުގައި ޖަހާ ކޮންމެ ވަޔަލޭޝަން ސްޓިކާއަކަށް ފަސް ޕޮއިންޓް ކަނޑައި، 100 ކްރެޑިޓް ޕޮއިންޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވައިދު އެކުލަވާލައި ވަނީ ގެޒެޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން "ވަން" އިން މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، ޕާކު ކުރެވޭނެ ގޮތެއް ސަރުކާރުން ނުވަތަ ކައުންސިލުން ނަމަވެސް ރައްޔިތުންނަށް ފަހިކޮށްދޭން ޖެހޭނެ ކަމަށާއި އެކަން ނުކޮށްދީ ޖޫރިމަނާ ކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

"ޕާކު ކުރާނެ ގޮތް ނުވަތަ ޕާކު ކުރާނެ ޖާގަ ފަހިނުކޮށްދީ އެގޮތަށް ފައިން ކުރުން ނޫނީ ފިޔަވަޅުތައް އެޅުން އެއީ ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން،" ކުރީގެ ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ އެކްސަން ޕްލޭންގައި ވަރަށް ހާއްސަ އިސްކަމެއް ދީގެން ޕާކިން ބިލްޑިންތަކެއް އެޅުމަށް ހިމަނާފައިވާނެކަން ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ރައްޔިތުންނަށް ވެހިކަލްތައް ޕާކު ކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައި ދެން އެއަށް ފަހު ގަވާއިދާ ހިލާފަށް ތަންތަނުގައި ޕާކު ކުރަންޏާ ފިޔަވަޅު އެޅިދާނެ. އެކަމަކު މިވަގުތު މާލޭގެ މަގުމަތި ހުރި ގޮތުން ތަންތަނުގައި ބަހައްޓާލަން ޖެހިގެން އެ ބަހައްޓަނީ. އެއަކީ އެކަމު ގަވާއިދާ އޮތްގޮތެއް ނޫން. މަޖުބޫރު ވެގެން ތަންތަން ނެތިގެން ބައެއް ފަހަރު ބަހައްޓަނީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ކަންކަން ކުރުމަށް ތަރުހީބު ނުދެއްވާނެކަން ފާހަގަކޮށް ޑރ. މުއިއްޒުު ވިދާޅުވީ، މާލޭގެ މަގުމަތު އޮތް ހާލަތު އެންމެން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

މާލެއަށް ދިމާވެފައިވާ ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޑރ. މުއިއްޒު ވަނީ ސިޓީ ކައުންސިލާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވައިފައެވެ. އަދި ޕާކިން މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.