އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 59 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހަކީ ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައި ދިނުމަށް އުފައްދާފައިވާ އޮފީހެކެވެ.
އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ބުނީ، އެ އޮފީހަށް އެއް މަސްދުވަސް ތެރޭ 59 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅުނު 59 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ބޯހިޔާވަހިކަމުގެ ހައްގުގެ މައްސަލައެވެ. ހުށަހެޅުނު މައްސަލަތަކުގެ 54.24 ޕަސަންޓް މައްސަލައަކީ ބޯހިޔާވަހިކަމުގެ ހައްގުގެ މައްސަލައެވެ. ހުށަހެޅުނު މައްސަލަތަކުގެ 20.34 ޕަސަންޓް މައްސަލައަކީ މަސައްކަތްކުރުމުގެ ހައްގާ ގުޅޭ މައްސަލައެވެ.
ދެން ހިމެނެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 8.47 ޕަސަންޓް މައްސަލައާއި، މުދާ ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭ 6.78 ޕަސަންޓް މައްސަލައާއި، އުނގެނުމުގެ ހައްގު އަދި ގާނޫނާ ހިލާފަށް ހައްޔަރުކުރުމާ ގުޅޭ 3.39 ޕަސަންޓް މައްސަލައާއި، ޕެންޝަން ލިބުމުގެ ހައްގު އަދި ޒާތީ ދިރުއުޅުމާ ގުޅޭ 1.69 ޕަސަންޓް މައްސަލައެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ އެ އޮފީހަށް ހުށަހަޅާ މައްސަލަތަކުގައި އެންމެ އިސްކަމެއް ދޭނީ ދެ ފަރާތް ހާޒިރުކޮށްގެން ސުލްހަވެރިކަމާއެކު މައްސަލަ ނިންމައި ސުލްހަވެރި ބަދަލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އެ އޮފީހުން ހިންގާ ތަހުގީގުތަކުން ލިބޭ ހެކިތަކާއި ލިޔުންތައް ދިރާސާކޮށް ހާދިސާ ލިޔެ ޝާއިއުކުރުމަށް ނިންމާފައިވާ އިރު، އެ މަސައްކަތް ކުރިއަށް ގެންދާނީ ދައުލަތުގެ އެހެން މުއައްސަސާތަކާވެސް ގުޅިގެން ކަމަށް ބުންޏެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން އިތުރަށް ބުނީ އެ އޮފީހުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލުމަށް ތަފާތު އެކި އުކުޅުތައް ބޭނުން ކުރާނެ ކަމަށެވެ. އަދި އެ އޮފީހުން ފަށާފައިވާ މަސައްކަތް ގާނޫނުގައި ބުނާ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނިންމައިލުމަށް ދައުލަތުގެ މުއައްސާސާތަކުން އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.
މީގެ ކުރިން "ވަން"އަށް ދެއްވި އިންޓަވިއުއެއްފައި ޗީފް އޮމްބަޑްސްޕާސަން، އަބްދުއްސަލާމް އާރިފު ވަނީ އެ އޮފީހުން ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުން އެއްބާރުލެއްވުން ދެއްވުމަށާއި އެހީތެރިކަން ދެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު