އުމުރުން އެންމެ 6 އަހަރާއި 9 މަހުގައި ކީރިތި ގުރުއާން ހިތުދަސްކުރި އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރު ބ.ހިތާދޫ، ޑެއިޒީމާގެ، އަމަން އަހުމަދު އާތިފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައްދަލުކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަމަންއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނީ މިހާ ޅަ އުމުރެއްގައި އަމަން، ކީރިތި ގުރުއާން ހިތުދަސްކުރީތީ އެކަމަށް ތައުރީފު ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށެވެ. އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އަމަންގެ މަންމަ، ލުބާނާ މުހައްމަދަށާއި ބައްޕަ އަހުމަދު އާތިފަށްވެސް، ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ކީރިތި ގުރުއާން ހިތުދަސްކުރުމަށް އަމަން ޝައުގުވެރިވި ގޮތާ ގުޅޭގޮތުން ރައީސް މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރައީސްގެ އެދިވަޑައިގަތުމަކަށް އަމަން ކީރިތި ގުރުއާނުގެ ކުރު ސޫރަތެއް ކިޔައިދިން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އަމަން، ކީރިތި ގުރުއާން ހިތުދަސްކުރުމާ ގުޅިގެން، އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން، މި ބައްދަލުކުރެއްވުމުގައި އަމަންއާ ހަވާލުކޮށްދެއްވީ ރައީސްއެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް އޭނާއަށް ރައީސް ދެއްވިއެވެ.

އަމަންގެ މަންމަ ލުބާނާ މުހައްމަދާއި، ބައްޕަ އަހުމަދު އާތިފް ދެއްކެވި ވާހަކައިގައި، އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ގުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއްކަން ފާހަގަކުރިއެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޝުކުރު ދެންނެވިއެވެ.

އަމަން، ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ހާފިޒު ކަމުގެ އިމްތިހާނުގައި ބައިވެރިކުރުމަށް އެކްސެލް އިންޓަނޭޝަނަލް ސްކޫލުން މިހާރު ވަނީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ހުށަހަޅައިފައެވެ.