ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ސްޓޭޓް މިނިސްޓަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރައްވާފައިވަނީ މއ. ބޯގަންވިލާ، ހުސައިން އިސްމާއީލެވެ.
ހުސައިން އިސްމާއީލަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބާޖް އިން ޑިޕްލޮމާ އިން މާކެޓީން އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިން ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާއަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ބޭބެއެކެވެ.
އެ މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް ހުސައިން އިސްމާއީލަކީ ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސެވެ. އަދި ހުސައިން އިސްމާއީލަކީ ހީޓް ހެލްތު އެންޑް ފިޓްނަސްގެ ޗެއާމަނެވެ. އޭގެ އިތުރުން މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތައްވެސް ހުސައިން އިސްމާއީލް ވަނީ ފުރުއްވައިފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތު އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް ހުސައިން އިސްމާއީލް ވަނީ އަދާކުރައްވައިފައެވެ.
ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް ރައީސް އައްޔަންކުރެއްވީ މ. ބާންސާގެ، މުހައްމަދު ޝިހާބު (ދަމާސް ޝިހާބު) އެވެ. އޭނާއަކީ އިންޑިއާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، މިހާރުވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓސް އެމްބެސެޑަރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވައިފައެވެ. އޭގެ އިތުރުން ވެސް ޝިހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި، މަޖީދިއްޔާ ސްކޫލުގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު