ސުޕްރީމް ކޯޓުކައިރިން ފެނުނީ "ޓޯއީ" ކާރެއް ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު މެންދުރު 12:45 ހާއިރު ސުޕްރީމް ކޯޓު ކުރިމަތީގައި ކުޑަ ކުޑަ ރިމޯޓު ކޮންޓްރޯލް ކާރެއް އޮތުމާ ގުޅިގެން ފުލުހުންނާއި ސިފައިން ވަަނީ ހަރަކާތްތެރިވެފަ އެވެ.

މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓު ސަރަހައްދުން ތުހުމަތު ކުރެވޭ އެއްޗެއް ފެނުމާ ގުޅިގެން އެ ސަރަހައްދަށް އެމްއެންޑީއެފްގެ އީއޯޑީ ޔުނިޓުން އޭތި ބަލައި ފާސްކޮށް ނުރައްކަލެއް ނެތްކަން ކަށަވަރު ކޮށްފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފުން ހިއްސާ ކޮށްފައިވަނީ މިއަދު މެންދުރު 12:54ގައި ކަމަށެވެ. އަދި މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.