ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި މަގާމުގެ ސިއްރަކީ ކުރީގެ ފޮރިން މިނިސްޓަރު، ފަތުހުﷲ ޖަމީލް ކުރެއްވި ބުރަ މަސައްކަތް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަރާމާތަށް ފަހު ފޮރިން މިނިސްޓްރީގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލުގެ ނަމަށް ބަދަލުކޮށް އަލުން ހުޅުއްވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، އެކަމުގެ ބޭނުމަކީ ރާއްޖޭގެ ހާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްގީ ކުރެއްވުމުގައި، 27 އަހަރާއި ހަތަރު މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ގައުމީ ހިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ.

ރާއްޖެއަށް މިނިވަންކަން ލިބިގެން މި ހޭދަވި 56 އަހަރުގެ ތެރޭގައި، ރާއްޖެއިން ދަމަހައްޓަމުން އައި ހާރިޖީ ސިޔާސަތަކީ، އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު، މިނިވަންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކޮށް ދެމެހެއްޓުންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ބިނާވެފައިވަނީ އެ އަސާސްތަކުގެ މައްޗަށް ކަމަށެވެ.

"މަރްހޫމް ފަތުހުﷲ ޖަމީލުގެ ހާރިޖީ ވަޒީރުކަމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ މިދެންނެވި ސިޔާސަތުތައް ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ މަޝްރަހުގައި ވެސް ވަކާލާތު ކުރެއްވުމަށް. މިއަދު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި މަގާމާއި ރާއްޖެއާ މެދު އުފެދިފައިވާ އިތުބާރާއި ގަދަރުގެ ހަގީގީ ސިއްރަކީ ހިކުމަތްތެރިކަމާއި އެކު އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތް. މިއަދުވެސް ސަރުކާރުން ދަމަހައްޓަމުން މި އަންނަނީ އެ ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ގައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ޑިމޮކްރެސީގެ ހަމަތަކާއި ސުލްހަޔަށް އިސްކަން ދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށް ކަމަށް ރައީސް ވިދާޅިވި އެވެ.

ބައިނަލްއަގުވާމީ މުޖްތަމައުގެ ބޮޑު ތާއީދަކާއެކު، އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމަށް، ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުއްﷲ ޝާހިދު އިންތިހާބުވެގެން ދިޔުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިއުތިރާފުވާ ކަމުގެ ހެއްކެއް ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.