ވެށި ހިމާޔަތްކުރުމުގެ ޒިންމާ އުފުލުމުގައި އެންމެން އެކުއެކީ، އެއްވާނެއްގައި މަސައްކަތްތަކެއްކޮށް، ކުރިއަށް އޮތް ޖީލުތަކަށް އޭގެ މަންފާ ލިބިގެންދާނެކަން ކަށަވަރުކުރުމަށް އުއްމީދު ކުރައްވާ ކަމުގައި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.
ސަބްރާ މިހެން ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާ ގުޅިގެން ކައުންސިލަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ސަބްރާ ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ލާމަރުކަޒީ ނިޒާމެއްގެ މުހިންމުކަން އިތުރަށް ތަސައްވަރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށްޓަކައި ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމާއި ކާބޯތަކެތި ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ކަނޑުފަޅުގެ ވަސީލަތްތައް ކުރިއަށް އޮތް ޖީލުތަކަށް ދަމަހައްޓައިދިނުމުގެ މުހިންމުކަން އިތުރަށް އެނގިގެންދިޔަކަމުގައި ވިދާޅުވިއެވެ.
ހުޅަނގުގެ ގައުމުތަކަށް މިއަހަރު އިރުވައި މޫސުމުގައި ރެކޯޑު އަދަދަކަށް ހޫނުމިން މައްޗަށް ދާއިރު، ކުރިއާ އަޅާބަލާއިރު ރާއްޖޭގައި، ރަށްގިރުމާއި ވާރޭގެ ސަބަބުން ގެއްލުން ލިބިގެން އެހީތެރިކަން ފޯރުކޮށްދޭ ރަށްރަށުގެ އަދަދު އިތުރުވަމުން ދިއުމާއި މިކަމުގެ "ސިވިއާރިޓީ އަދި ފްރިކުއެންސީ" އިތުރުވުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑެތި ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް އޮތްކަމުގެ ހެއްކެއް ކަމަށް ސަބްރާ ވިދާޅުވިއެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، 2020 ޑިސެންބަރުގައި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ތަގުރީރުގައި ބޭރުގެ މާލީ އެހީއާއެކު 2030 ވަނަ އަހަރަށް ރާއްޖެ ނެޓް-ޒީރޯ ގައުމަކަށް ހެދުމަށް ވެވަޑައިގެންފައިވާ ވައުދުގެ މައްޗަށް ސަބްރާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ނެޓް-ޒީރޯ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ޑީސަލުން ހަކަތަ އުފައްދައިގެން ޖައްވަށް ވިހަގޭސް ބޭރުކުރެވޭ މިންވަރާ އެއްވަރަށް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށް، މިދިޔަ މޭ މަހު ކްލައިމެޓް އެމަޖެންސީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސަބްރާ ވިދާޅުވީ، ދެމެހެއްޓެނެވި ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުން، ވެށީގެ މުއްސަނދިކަމާ ގުޅިފައިވާ ކަމަށާއި ޖައްވު ހޫނުވާ މިންވަރު ދަށްކުރުމަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ގުދުރަތީ ވިލުންވެރިކަން ދެމެހެއްޓުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު