ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެެލް) ހުޅުވާނީ މިމަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން ބުނީ މި ދެ ދުވަހު ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށް ކަމަށެވެ.
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ޗެކުތައް ޕްރޮސެސްކުރުމަށް އެ ދެ ދުވަހު ހެނދުނު 11:00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކުތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނީ ޗެކް ޕްރޮސެސް ކުރުމާއި ލޯކަލް ބޭންކް ޓްރާންސްފާ އަދި ޕޭ ރޯލްގެ ހިދުމަތްތަކަށް މެންދުރު 12:00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކުތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ.
ބޭންކުގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެއެވެ. ބީއެމްއެލުން ބުނީ، ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަމަށެވެ.
އެޕޮއިންޓްމަންޓު ދޫކޮށްގެން ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ އެކައުންޓް އޯޕަނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށެވެ.
މީގެ އިތުރުން ބީއެމްއެލުން ބުނީ، ބަންދު ދުވަސްތަކުގައިވެސް ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތާއި ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ ހިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު