ކޮވިޑް ވެކްސިން ޖަހަން ޖެހޭ އުމުރުފުރާގެ 50 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، 50 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.

"ވެކްސިން ޖަހަން ޖެހޭ އުމުރުފުރާގެ، އެއީ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 50 ޕަސަންޓަށް ވުރެ ގިނަ މީހުންނަށް އިއްޔެއާ ހަމައަށް އަޅުގަނޑުމެންނަށް މިވަނީ ދެ ޑޯޒް ޖަހައި ވެކްސިނޭޝަން ފުރިހަމަ ކުރެވިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ދެމުން އަންނަނީ ކޮވިޑްގެ ތިން ވެކްސިނެކެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ފައިޒާގެ އިތުރުން ސިނޮފާމް ވެކްސިނެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި 319،378 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވެއެވެ. އަދި ދެވަނަ ޑޯޒް 242،370 މީހުން ޖަހާފައިވެއެވެ.