ރަށް ރަށަށް ދިއުމަށް ގިނަ ފަރާތްތަކެއް ކޮވިޑަށް ޓެސްޓް ކުރަމުން އައި ނަމަވެސް އިސްކަން ދޭނީ އަލާމާތްތައް ހުންނަ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓުންނަށް ކަމަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕޭއޭ) އިން ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ނެގެޓިވް ނަތީޖާއަކާ އެކު ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެއާ އެކު ކުރިއަށް އޮތް އީދު ބަންދަށް ގިނަ ފަރާތްތަކަކުން މާލެއިން އެހެން ރަށްރަށަށް ދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ގިނަ ފަރާތްތަކެއް އެއް ފަހަރާ ޓެސްޓް ކުރަން ފެށުމާ އެކު ސާމްޕަލްގެ ނަތީޖާ ނުލިބި ދިގުލައިގެންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ، ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ފަރާތްތަކެއް ޕީސީއާރު ޓެސްޓު ހަދަމުން އަންނަ މި ވަގުތު ޓެސްޓު ކުރަން ޖެހޭ ސާމްޕަލްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށާއި އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށެވެ.
"ޓެސްޓުކުރުމުގައި ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓު ކުރުމަށް އިސްކަން ދެވޭނެ ކަމުގައި ދެންނެވީމެވެ،" އެޗްޕީއޭ އިން ކުރި ޓުވީޓްގައި ވަނީ ބުނެފަ އެވެ.
މަގުމަތީން ރެންޑަމްކޮށް ނަގާ ސާމްޕަލްތަކުގެ ނެގެޓިވް ނަތީޖާވެސް ދަތުރުކުރުމަށް ބަލައިގަންނާނެއެވެ. އެހެން ކަމުން ރެންޑަމް ސާމްޕަލިން އަށްވެސް މިހާރު ވަނީ ބާރު ބޮޑުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު