އަންނަބީލާ ހަބީބާ ހުސެއިން ހަބީބުގެ ގެކޮޅު ކަމުގައިވާ ގ.ވައިލެޓް އަބީރު، އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރު ބައްލަވައިގެންފިއެވެ.
އެ ގެ ވިއްކުމާބެހޭގޮތުން ސިވިލްކޯޓުން މައްސަަލަ ނިންމައި މިދިޔަ ހޯމަ ދުވަހު ނެރުނު ހުކުމްގައި ވަނީ، އެ ގެ އަކީ 1183.7 އަކަފޫޓިގެ ތަނެއް ކަމަށާއި، އެތަނުގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން، 8.4 މިލިޔަން ރުފިޔާގެ އަގަށް ގ.ހައްދުންމަތީ ދެކުނުގެ، ހުސެއިން އަމްރޫ މުހައްމަދު ރަޝާދު ގަނެފައިވާތީ އެ ތަނުގެ މިލްކުވެރިޔަކީ އަމްރޫ ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
އެމައްސަލައިގެ ހުލާސާ ރިޕޯޓުގައި ކޯޓުން ބުނެފައި ވަނީ އެ ގެ ގަތުމަށް އެއްބަސްވެފައިވާ ގޮތުގެ މަތިން 8.4 މިލިޔަން ރުފިޔާ ހަބީބާއަށް ލިބިފައިވާ ކަމަށް ހަބީބާ ޝަރީއަތުގެ މަޖިލީހަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.
އެ ގެ އަމްރޫއަށް ވިއްކައިލި ކަމުގައިވީ ނަމަވެސް ހަބީބާ ހުސެއިން ހަބީބަށް ދިރިއުޅެވޭނޭ އިންތިޒާމު، އޭނާގެ ދަރިފުޅު އިބްރާހިމް ޒުބެއިރުގެ ގެ، މއ. މާންދޫވިލާގައި ހަމަޖެހިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ހަބީބާ ހުސައިން ހަބީބަކީ، 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ދައުލަތުން ދެއްވާ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ވެސް ހަބީބާއަށް ލިބިވަޑައިގެންފައި ވެއެވެ. އަދި ރާއްޖޭގެ އެއްމެ ދުވަސްވީ ލިޔުންތެރިންގެ ތެރޭގައިވެސް ހަބީބާ ހިމެނިވަޑައިގަންނަވައެވެ.