ކ. ކާށިދޫގައި ފުލޫ ކްލިނަކަށް ދެއްކި ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށު ކައުންސިލް ރައީސް މުހައްމަދު އާމިރު މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން މިއަދު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ޕޮޒިޓިވްވެފައި ވަނީ އެރަށު ފުލޫ ކްލިނިކަށް ދެއްކި ދެ މީހެއް ކަމަށެވެ. ނަމަވެސް އެރަށް އަދި މޮނީޓަރިންގެ ހާލަތަށް ލާފައިނުވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކަމަށާއި އަދި ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރުމަށް އެރަށު ސިއްހީ މަރުކަޒުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އާމިރު ވިދާޅުވީ މީގެ ކުރިންވެސް އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތް އިރު އެޅި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެރަށް ވަރަށް އަވަހަށް މޮނީޓަރިންގެ ހާލަތަށް ގެންނާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކާށިދޫ ވަނީ މެއި މަހުގެ 12 ވަނަ ދުވަހުވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށް އެފަހަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމުންނެވެ.