މާނިފާ ހިނގުމާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށް ވާ ގޮތަށް، ކުދަކުދީންގެ ބަގީޗާ ކައިރީގައި އޮންނަ ގާކޮށިތެރޭގައި ސްޓެލްކޯއިން ބަހައްޓާފައިވާ އިންޖީނުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން މަހުރޫމުވެފައިވާ ކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަން ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ އިންޖީނު ތަތަކަކީ، މާލެއަށް ކަރަންޓު ބޭނުންވާ ވަރު އިތުރުވަމުންދާތީ ކަރަންޓު ނުކެނޑި ހިފެހެއްޓުމަށް ސްޓެލްކޯއިން ބަހައްޓާފައި ހުރި އިންޖީނުތަކެކެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.

ޕީއައިއެލްސީގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސިއްހަތު ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން ނިގުޅައިގެންފައިވާތީ، އެ ކުންފުނިން ބަހައްޓާފައިވާ ޖަނަރޭޓަރުތައް އެހެން ތަނަކަށް ބަދަލުކުރަން އަމުރުކޮށްދިނުމަށެވެ. ނުވަތަ އެކަށީގެންވާ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމާ އެކު ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅުއްވައި ދިނުމަށެވެ.

ނަމަވެސް، އެ ޖަނަރޭޓަރުތަކުގެ ސަބަބުން އެ ސަހަރައްދުގައި އުޅޭ މީހުންނަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށް ބުނެ އެޗްއާރުސީއެމާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް އެކަން ގެނައުމުން އެޗްއާރުސީއެމުން މިިދިޔަ މަހު ނިންމާފައި ވަނީ ސްޓެލްކޯ އިންޖީނުތައް ބަހައްޓާފައިވާ ސަރަހައްދުގައި ރައްޔިތުން އުޅެނީ ސިއްހަތަށް އެކަށީގެންވާ މާހައުލެއްގައި ނޫން ކަމަށާއި ގެއްލުމުގެ ބަދަލު ހޯދޭނެ ކަމަށެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެސް ވަނީ ވަގުތީ ޖަނަރޭޓަރުތައް މިމަހުގެ ނިޔަލަށް ބޭނުންކުރުން ހުއްޓާލުމަށް އަންގާފަ އެވެ.

ޖަނެރޭޓަރުތަކުގެ މައްސަލައިގައި ކޯޓަށް ދިއުމުން ސްޓެލްކޯއިން ބުނީ، އެ ސަރަހައްދުގައި ހުރި ޖަނެރޭޓަރުގެ ބޭނުން ކުރަނީ ވަރަށް މަދުފަހަރެއްގައި ކަމަށާއި އަންނަ ހުކުރުން ފެށިގެން އެއްވެސް ވަރަކަށް އެ ޖަނަރޭޓަރުތަކުގެ ބޭނުން ނުކުރާނެ ކަމަށެވެ.

"އިންޓަ ކަނެކްޝަން މިހާރު ނިމިފައި ވަނީ. މި ހުކުރުން ފެށިގެން އެ ޖަނަރޭޓަރުތަކުގެ ބޭނުމެއް ނުކުރާނެ" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި ޕީއައިއެލްސީން ސްޓެލްކޯއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ނިމިފައި ނުވަތަ ހައްލުވެފައި އޮތް މައްސަލައެކެވެ.