ށ. ފޯކައިދޫން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު އާސިފް މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން ނޭވާލާން އުނދަގޫ ވެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހާ ޕޮޒިޓިވްވެފައިވަނީ އިތުރު ފަރުވާއަށް ކުޅުދުއްފުށި ސިޓީއަށް ގެންގޮސް ބަލީގެ އަލާމާތްތައް ހުރެގެން ހެދި ޓެސްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އަންހެނެއް ކަމަށާއި އަދި އޭނާގެ ފިރިމީހާވެސް ބައްޔަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ. އެއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭގެ ވަގުތެއްގައި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެރަށުން 66 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާ ކަމަށާއި މި ވަގުތު އެރަށުގެ 33 ގެއެއް މޮނީޓަރިންއަށް ލެވިފައިވާ ކަމަށެވެ. އަދި މިރޭ 46 ސާމްޕަލެއް ނެގުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ މި ވަގުތު ރަށުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި ބޭރަށް ނުދިއުމަށާއި އެއްވެ ނުއުޅުމަށާއި މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.