ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަސް ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ޒަރޫރީ ބޭނުމަށް މޮނީޓަރިންގައި އޮންނަ ރަށްރަށަށް ކަރަންޓީނާ ނުލައި ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ރަށްރަށުގެ ކައުންސިލަށް އިއްޔެ ފޮނުވި ސާކިއުލާގައި ބުނީ، މޮނިޓަރިންގައި އޮންނަ ރަށަކަށް ދަތުރު ކުރެވޭނީ ޒަރޫރީ ކަންކަމަށް އެކަނި ކަމަށާއި އެފަދަ ބޭނުމަށް މޮނިޓަރިންގެ ހާލަތުގައިވާ ރަށަކަށް ދާ މީހުން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާނަމަ، ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ ސާކިއުލާގައި ބުނީ އެފަދަ ފަރާތްތަކަށްވެސް ދަތުރުކުރެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކުގައި ކަމަށެވެ.

ހާއްސަ ހުއްދައިގެ ދަށުން މިހާރުވެސް ކަރަންޓީނާ ނުލައި މޮނީޓަރިންގައި އޮންނަ ރަށްރަށަށްވެސް ދެވެއެވެ.

ކޮވިޑުގެ ނަންބަރުތައް ދަށްވުމާއެކު ދިން ލުއިތަކާއެކު މޮނީޓަރިންގައި ނެތް ރަށްރަށަށް ވެކްސިންގެ ޑޯޒް ފުރިހަމަކޮށް ކަރަންޓީނާއި ނުލައި ނެގެޓިވް ނަތީޖާއަކާއެކު ދެވެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވިތާ ދެ މަސް ނުވާ މީހުންވެސް ކަރަންޓީންވާކަށް ނުޖެހެއެވެ.