ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ދެމުން އަންނަ ހިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދީ މަޝްވަރާ އާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކްލަބް ހައުސްގައި ފޯރަމްތަކެއް ބާއްވަން ފަށައިފި އެވެ.
އެ ސިލްސިލާގެ ދަށުން ފުރަތަމަ ސެޝަން ރޭ ވަނީ ކްލަބް ހައުސު މެދުވެރިކޮށް ކުރިއަށް ގެންގޮސްފަ އެވެ. ރޭ ކުރިއަށް ގެންދިޔަ ސެޝަންގައި ޕެނެލިސްޓުންގެ ގޮތުގައި، ތިއްބެވީ އެޗްޑީސީގެ ރިއަލް އެސްޓޭޓް ޑިޕާޓްމެންޓްގެ ވެރިންނާއި ލީގަލް ޓީމެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ އެކި މަޝްރޫއުތަކާއި ގުޅިގެން އާއްމުންގެ ހިޔާލު ދެނެގަނެ ކުންފުންޏާއި ރައްޔިތުންނާ އޮތް ގުޅުން ރަނގަޅު ކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ކްލަބް ހައުސު ސެޝަންގައި މަޝްވަރާ ކޮށްފައިވަނީ ހިޔާ ހައުސިން މަޝްރޫއުގެ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
"ހިޔާގެ އެގްރީމްނެޓްތަކުގައި ސޮއި ކުރުމުގައާއި ހިޔާ ފުލެޓުގެ ވެރިންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް ހުރުމާއި އެއްބަސްވުގައި ސޮއި ކުރުމުގެ މަސައްކަތް ވީހާވެސް ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށް ގިނަ މައުލޫމާތުތަކެއް ވަނީ މިސެޝަން މެދުވެރިކޮށް ފޯރުކޮށްދެވިފައި،" އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ފަސް ސަތޭކައަށް ވުރެގިނަ ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ އެ ސެޝަންގައި އެޗްޑީސީން ވަނީ އާންމުންނަށް ހިޔާލު ހުށަހެޅުމަށާއި ސުވާލު ކުރުމަށް ފުރުސަތު ދީފަ އެވެ. އަދި އެކަމުގެ ސަބަބުން ގިނަ މައުލޫމާތުތަކެއް ސާފުވި ކަމަށް ބުނެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުމާލެ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތާއި އާއްމުންނާ ގުޅުން ހުރި ގިނަ މަޝްރޫއުތަކެއްގައި އާއްމުންގެ ހިޔާލު ހޯދުމަށް ކަލްބް ހައުސު މެދުވެރިކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު