ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރާނެ އިތުރު ތަހުގީގެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުންގެ ޓީމު، ފުލުހުން ކުރިއަށްގެންދާ ތަހުގީގުން މިއަދު ތަނާޒުލު ވެއްޖެއެވެ.
އެމައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރީ މެންދުރު 2:00 އަށެވެ. އެމަނިކުފާނާއެކު ވަކީލުންގެ ޓީމު ފުލުސް އޮފީހަށް ހާޒިރުވިއެވެ.
ހަވީރު 4:45 އެހާކަންހާއިރު އެމަނިކުފާނުގެ ވަކީލުންގެ ޓީމު ވަނީ ފުލުހުންގެ މަރުކަޒުން ނިކުމެފައެވެ.
އެއަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްގެން، ފުލުހުން ކުރަން އުޅޭ ކަމަކީ، އެ މައްސަލަ ތަހުގީގު ކުރުމުގައި މީގެ ކުރިން ފުލުހުން ކޮށްފައިވާ ގާނޫނާހިލާފް ކަންތައްްތަކެެއް ގަދަކަމުން ގާނޫނަށް އެޅުވުން ކަމަށެވެ.
ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އަދި ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ، ވ. އާރަށުގެ މައްސައަކީ ބަޔާން ނަގައި އިންޒާރުދީ، ތަހުގީގު ނިންމައި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެެއް ކަމަށެވެ.
ނަމަވެސް އަލުން އެ މައްސަލައިގެ ތަހުގީގު ކުރުމަށް ކަމަށްބުނެ، މިދިޔަ ބުރާސްފަތި ދުވަހާއި، މިއަދު ފުލުހުން ކުރަމުންދަނީ ގާނޫނާ ހިލާފް ކަންތައްތަކެއް ކަަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންނާ ސުވާލު ކުރުމުން، އެ ކަމަކީ ޕްރޮސިކިއުޓާ ޖެނެރަލް އަންގަވައިގެން ކުރިއަށްގެންދާ ކަމެއް ކަމަށާއި، އެ މައްސަލައިގައި އަލުން ބަޔާން ނަގަން މަސައްކަތް ކުރަނީ، އާރަށުގެ މައްސަލައިގެ ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވި މައްސަލައިގައި ރައީސް ޔާމީނަށް ގާނޫނީ އިންޒާރު ދީފައި ވަނީ އެކަށީގެންވާ ގޮތަށްނޫން ކަމަށް ވިދާޅުވެ އެކަން ރަނގަޅު ކުރުމަށް ޕީޖީ އަންގަވާފައިވާތީ ކުރާ މަސައްކަތެއްކަމަށް ފުލުހުން ބުނެފައިވާ ކަމަަށެވެ.
އެކަން ރަނގަޅު ކުރަން ޕީޖީން ފޮނުވި ލިއުން ދިނުމަށް ފުލުހުންގެ ކިބައިން އެދުނު ކަމަށާއި އެކަމުގައި އޮތް ގާނޫނީ ހުއްޖަތް ދެއްކުމަށް ވަކީލުންގެ ޓީމުން ތަކުރާރުކޮށް އެދުމުންވެސް، ފުލުހުން އެލިޔުން ނުދިން ކަމަށާއި އެކަމާބެހޭ ގާނޫނީ ހުއްޖަތެއްވެސް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު ވިދާޅުވީ، އެގޮތަށް ކަންތައް ކުރުމަކީ މުވައްކިލުގެ ހައްގުތައް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި، އެ މައްސަލަ ފުލުހުންނަށާއި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަަށް ހުށަހެޅުމަށްޓަކައި، އެ މައްސަލައިގައި ފުލުހުން ޕީޖީއަށް ފޮނުވި ލިޔުންތަކާއި އެ މައްސަލަ އަލުން ބެލުމަށްއެދި ޕީޖީ ފުލުހުންނަށް ފޮނުވި ލިޔުން ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެލިޔުންތައް ފުލުހުން ދީފައި ނުވާ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނާ ހިލާފަށް ހިންގާ ކަމެއްގައި ބައިވެރި ނުވުމަށް އެ މައްސަލައިގެ ތަހުގީގުން މުޅި ގާނޫނީ ޓީމް ތަނާޒުލުވީ ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު